ގްރޭޑް 10 ނިންމާ ކުދިންގެ 70 އިންސައްތަ މަތީ ސާނަވީއަށް ވެއްދުމަކީ އަމާޒެއް: ވަޒީރު

ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު. ފޮޓޯ: މިނިސްޓްރީ
ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު. ފޮޓޯ: މިނިސްޓްރީ

ގްރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން މަތީ ސާނަވީ މަރުހަލާއަށް ކިޔަވަންދާ ކުދިންގެ ނިސްބަތް 70 އިންސައްތައަށް އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ހަފުލާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ފާއިތުވި ދެ އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުން މަތީ ސާނަވީގައި ކިޔަވާ ދަރިވަރުންގެ އަދަދު 34 އިންސައްތައިން 48 އިންސައްތައަށް އުފުލިފައިވާ ކަމަށެވެ. މިއީ ތައުލީމީ ސިޔާސަތުތަކަށް ގެނެވުނު ބަދަލުތަކާއި، މަތީ ސާނަވީގެ މުހިންމުކަން ދަރިވަރުންނަށް ވިސްނައިދިނުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، އޯއީސީޑީގެ ގައުމުތަކުގައި މަތީ ސާނަވީއަށް ވަންނަ ކުދިންގެ އެވްރެޖަކީ 56 އިންސައްތައެވެ. އަދި ފިންލެންޑް ފަދަ ތައުލީމީ ގޮތުން ކުރިއަރާފައިވާ ގައުމުތަކުގައިވެސް އެ އަދަދު 50 އިންސައްތައަށް ނާރާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް ރާއްޖޭގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި މި ނިސްބަތް 70 އިންސައްތައަށް ގެންދިއުން ކަމަށް ވިދާޅުވިއެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި ތައުލީމީ ނިޒާމުގެ ތެރޭގައި މިހާރު ވަނީ ތަފާތު ތިން "ޕާތްވޭ" އެއް އެކުލަވާލާފައެވެ. އޭގެ ތެރޭގައި އެކަޑަމިކް ދާއިރާގެ އިތުރުން، ވޮކޭޝަނަލް ހައިސްކޫލް ޕާތްވޭއާއި މަސައްކަތުގެ މާހައުލުން ތަމްރީނު ހޯދާ އެޕްރެންޓިސްޝިޕް ޕާތްވޭ ހިމެނެއެވެ. މީގެ ބޭނުމަކީ ވަކި މިންވަރަކަށް ނަތީޖާ ނުލިބޭ ކުދިން ބާކީވުމުގެ ބަދަލުގައި، ކޮންމެ ކުއްޖަކީވެސް ހުނަރެއް ލިބިފައިވާ، ވަޒީފާގެ ބާޒާރަށް ތައްޔާރުވެފައިވާ ކުއްޖަކަށް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މާލޭގައި ހިންގާ ވޮކޭޝަނަލް ހައިސްކޫލަށް އާ އިމާރާތެއް އެޅުމުގެ މަސައްކަތް އަންނަ އޮގަސްޓް މަހު ބަޔަކާ ހަވާލުކުރެވޭނެ ކަމަށްވެސް ވަޒީރު އިއުލާން ކުރެއްވިއެވެ. ވަޒީރު ވަނީ ސީއެޗްއެސްއީގެ ކާމިޔާބީއަށް އަލިއަޅުވާލައްވައި، ވޮކޭޝަނަލް ތައުލީމުވެސް އެފަދަ ބޮޑު ކުރިއެރުމެއް ހޯދާނެ ކަމުގެ އުންމީދު ފާޅުކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ