އައްޑޫ ސިޓީ މަރަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ކަމަށް ތުހުމަތުކުރެވޭ ތަނެއް ބަންދުކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ. މި އަމުރު ނެރެފައިވަނީ ސ. މަރަދޫ، ބޯޅަދަނޑުގެ ބަންދުކުރުމަށެވެ.
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން ކޯޓުން ނެރުނު މި އަމުރުގައިވާ ގޮތުން، މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް 90 ދުވަހުގެ މުއްދަތަށް އެ ގެ ބަންދުކުރަން ޖެހެއެވެ. މިއީ މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ތަނެއް ބަންދުކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރުކަން ފާހަގަކުރެވެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދައާ ނުލައި ވަދެނުކުމެ އުޅުމަކީ ޤާނޫނީ ގޮތުން ކުށެކެވެ. އަދި އެފަދަ ތަންތަނަށް ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ.
އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެފަދަ ތަކެތި ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދޭ ތަންތަން ހޯދައި ބަންދުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް ފުލުހުން ބުންޏެވެ. މި މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.