ފެނާއި ނަރުދަމާގެ ޚިދުމަތަކީ ފައިދާ ހޯދަން ދޭ ޚިދުމަތެއް ނޫން: ވަޒީރު މުއްޠަލިބު

ވަޒީރު ޑރ. މުއްތަލިބު މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލިސް
ވަޒީރު ޑރ. މުއްތަލިބު މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލިސް

ރާއްޖޭގެ ރަށްރަށުގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތަކަކީ ސަރުކާރަށް މާލީ ފައިދާއެއް ހޯދުމުގެ މަގްސަދުގައި ފޯރުކޮށްދޭ ޚިދުމަތްތަކެއް ނޫން ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޛާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކުރުމަށް ހިނގާ ބޮޑެތި ޚަރަދުތަކަކީ ނުވަތަ ކެޕިޓަލް އެކްސްޕެންޑިޗާ އަކީ ރައްޔިތުންގެ އަތުން އަނބުރާ ހޯދާ ޚަރަދުތަކެއް ނޫނެވެ. އަދި އަލަށް އާބާދުވާ ސަރަހައްދުތައް ކަމަށްވާ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅު ފަދަ ތަންތަނުގައިވެސް މިފަދަ އިންފްރާސްޓްރަކްޗާ ގާއިމުކުރަނީ ސަރުކާރުގެ ޚަރަދުގައި ކަމަށާއި، އެއީ ބިލުތަކުގެ ޒަރީއާއިން އާންމުންގެ އަތުން ނަގާ ފައިސާއެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނުގެ ޚިދުމަތަށް ނަގާ އަގާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުއްޠަލިބު ވިދާޅުވީ، ފެން ބިލުތަކުން ނަގާ ފައިސާއަކީ ހަމައެކަނި ފެން އުފެއްދުމަށާއި ގޭބީސީތަކަށް ފޯރުކޮށްދިނުމަށް ހިނގާ ހިންގުމުގެ ޚަރަދުތައް ފޫބެއްދުމަށް ނަގާ އެއްޗެއް ކަމަށެވެ. މީގެ އިތުރުން، ނަރުދަމާގެ ޚިދުމަތަކީ އެއްވެސް ފީއެއް ނުނަގާ، މުޅިން ހިލޭ ފޯރުކޮށްދޭ ޚިދުމަތެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ޚިދުމަތްތައް ދެކޮޅުޖެހޭ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ބައެއް ރަށްރަށުގައި ކްރޮސް-ސަބްސިޑީގެ އުސޫލު ބޭނުންކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މާފުށި ފަދަ ފަތުރުވެރިކަން ފުޅާވެފައިވާ ރަށްރަށުގެ ވިޔަފާރިތަކުން ލިބޭ އާމްދަނީ ބޭނުންކޮށްގެން، އާންމު ރައްޔިތުންނަށް ދޭ ޚިދުމަތުގެ އަގު ހެޔޮކޮށް ހިފަހައްޓާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ، ފެނާއި ނަރުދަމާއަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ޚިދުމަތްތަކަކަށް ވާތީ، ސަރުކާރުގެ ވިސްނުމަކީ އެއީ އިޖުތިމާއީ ޒިންމާއެއްގެ ގޮތުގައި ބަލައިގެން ރައްޔިތުންނަށް އެންމެ ލުއި ގޮތްތަކަށް އެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ