ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، ރައްޔިތުންގެ ޝުޢޫރުތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަށްޓަވާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރެއްވުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ވަކި ދާއިރާތަކަކަށް އަމާޒުކޮށްގެންނެވެ. އެގޮތުން ހުޅުމާލެ އުތުރު ދާއިރާ، ހުޅުމާލެ މެދު ދާއިރާ، ހުޅުދޫ ދާއިރާ އަދި ހޯރަފުށި ދާއިރާގެ ރައްޔިތުންނަށް މި ބުރުގައި ނަން ނޯޓުކުރުމުގެ ފުރުޞަތު އޮންނާނެއެވެ. މިއީ ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން ހުރިހާ ދާއިރާއެއް ހިމެނޭހެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާނެ ސިލްސިލާއެއް ކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.
ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައިވާ ޚާއްޞަ ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރެވޭނެއެވެ. ނަން ނޯޓުކުރުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ 15 ވާ ބުދަ ދުވަހުގެ ރޭ މެންދަމު 12:00 އެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވުމާ ގުޅޭ އުސޫލުތައްވެސް ރައީސް އޮފީހުގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެއެވެ.
ރައްޔިތުންނާ ވަކިވަކީން ބައްދަލުކުރައްވައި ވާހަކަދެއްކެވުމުގެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށް ރައީސް މުޢިއްޒު އިޢުލާންކުރެއްވީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ރައްޔިތުންގެ ސީދާ ބައިވެރިވުން އިތުރުކޮށް، ރައްޔިތުންގެ އަޑު ގާތުން އެހުމެވެ.