ކަނޑުއޮތްގިރީގައި މިފްކޯއިން ތަރައްގީކުރި އައިސް ޕްލާންޓާއި ހިކިމަސް ކާރުޚާނާ ރަސްމީކޮށް ހުޅުވައިފިއެވެ.
މި ދެ ވަސީލަތް ހުޅުވައިދެއްވީ މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް އެ ރަށަށް ކުރެއްވި ޒިޔާރަތެއްގައެވެ. މިއީ މާލެ ސަރަހައްދުގެ މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށާއި، ބާޒާރުގައި ހިކިމަހުގެ ބާވަތްތައް ލިބުން ފަސޭހަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ކަނޑުއޮތްގިރީގައި ގާއިމުކުރި އައިސް ޕްލާންޓަކީ ދުވާލަކު 25 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ލިބިގެންވާ ތަނެކެވެ. މިފްކޯގެ ސީއީއޯ ވިދާޅުވި ގޮތުގައި، މި ޕްލާންޓުގެ ސަބަބުން ހުރިހާ މަސްވެރިންނަށްވެސް އައިސް ލިބުމުގެ ދަތިކަން ހައްލުވާނެއެވެ. ޚާއްސަކޮށް ބޮޑުކަންނެލީގެ މަސްވެރިންނަށް ކުރިމަތިވަމުންދާ އައިސް ލިބުމުގެ ދަތިތަކަށް މިކަމުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެ ރަށުގައި ހުޅުވި ހިކިމަސް ކާރުޚާނާއަކީ ދުވާލަކު 3 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ. މި ކާރުޚާނާގައި ރޯމަސް ކެއްކުމާއި، ދިލަޖެއްސުމާއި، ޕެކްކުރުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށްދާނެއެވެ. މީގެ ކުރިން މިފްކޯގެ ހިކިމަހުގެ އުފެއްދުންތައް މާލެއަށް ގެންނަނީ ކޫއްޑޫގައި ހުންނަ ކާރުޚާނާއިން ކަމަށްވުމުން، ދަތުރުފަތުރުގެ ސަބަބުން ބައެއް ފަހަރު މާލޭގެ ފިހާރަތަކުން ހިކިމަސް ހުސްވުމުގެ މައްސަލަ ކުރިމަތިވެއެވެ. ނަމަވެސް އާ ކާރުޚާނާއާއެކު މާލެ ސަރަހައްދުގެ ފިހާރަތަކަށް މެދުނުކެނޑި ހިކިމަސް ފޯރުކޮށްދެވޭނެ ކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯގެ އަމާޒަކީ ކަނޑުއޮތްގިރީގެ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާކުރުމެވެ. ސަރުކާރުން ރާއްޖޭގެ މަސް ޕްރޮސެސްކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން، މިފްކޯއިން ދަނީ އެކުންފުނީގެ ވަސީލަތްތައް ޒަމާނީކޮށް ފުޅާކުރަމުންނެވެ.