ރައީސުލްޖުމްހޫރިއްޔާ ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެންފި

މީގެ ކުރިން ރައީސް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް
މީގެ ކުރިން ރައީސް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، އެ ޤައުމުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއަށާއި ޝާހީ އާއިލާއަށް ތަޢުޒިޔާ ދެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވީ މިދިޔަ އާދީއްތަ ދުވަހުއެވެ.

މި ދަތުރުފުޅުގެ ތެރެއިން ޤަޠަރުގެ އަމީރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަފުޅު ނަމުގައި ޝާހީ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް އުޚުއްވަތްތެރި ގުޅުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވައި، މި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމް އާކުރެއްވިއެވެ.

ޤަޠަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލްޘާނީއަކީ ރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ އެހީތަކެއް ވެދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ލ. އަތޮޅުގައި ހުންނަ ޙަމަދު ބިން ޚަލީފާ އަަލް ޘާނީ ސްކޫލާއި، ހުޅުމާލޭގައި ބިނާކޮށްފައިވާ މަސްޖިދުއްޝައިޚް ޤާސިމް ބިން އަލް ޘާނީއަކީ އެމަނިކުފާނުގެ ދީލަތި އެހީގައި ބިނާކޮށްފައިވާ ތަންތަނެވެ. އަދި ޤަޠަރު އެއަރވޭޒްގެ ދަތުރުތައް ރާއްޖެއަށް ފެށުމުގައިވެސް އެމަނިކުފާނު މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 26 މެއި 1984 ގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމަށް ރާއްޖެއިން ދޭ ހާއްސަ އަހަންމިއްޔަތު ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ