ރާއްޖޭގައި 74 އައިސްޕްލާންޓެއް އެބަހުރި، އޭގެ ތެރެއިން 27 ތަނެއް ހިންގަނީ މިފްކޯއިން: ވަޒީރު ޝިޔާމް

ވަޒީރު ޝިޔާމް މަޖިލީހުގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލިސް
ވަޒީރު ޝިޔާމް މަޖިލީހުގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލިސް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް 74 އައިސްޕްލާންޓެއް މިހާރު ހުރި ކަމަށާއި، އޭގެ ތެރެއިން 27 އައިސްޕްލާންޓެއް ހިންގަމުންދަނީ މިފްކޯއިން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުގައި މިފްކޯގެ ދަށުގައި ހުރި އައިސްޕްލާންޓުތައް ފެނަކައަށް ބަދަލުކުރުމަކީ މަސްވެރިންނަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެ ބަދަލާއެކު އައިސްޕްލާންޓުތައް ބެލެހެއްޓުމުގައި ދަތިތަކެއް ކުރިމަތިވެ، ގިނަ ތަންތަން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މައިގަނޑު ތިން މައްސަލައެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ އައިސް ލިބުމުގެ ދަތިކަމާއި، ކޯލްޑް ސްޓޯރޭޖްގެ ޖާގަ ނެތުމުގެ އިތުރުން މަސް ޕްރޮސެސްކުރެވޭނެ ކެޕޭސިޓީ މަދުވުމެވެ. މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ބ. ކުޑަރިކިލުގައި ގާއިމުކުރާ އައިސްޕްލާންޓުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އެ ތަން އޮޕަރޭޝަނަށް ގެނައުމަށް ވަނީ އަމާޒު ހިފާފައެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި އިތުރު 9 އައިސްޕްލާންޓެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު (އާރްއެސްޑަބްލިއު) ގާއިމުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް އައިސް ބޭނުންވާތީ، އައިސްޕްލާންޓުތައް އެޅުމުގެ މަޝްރޫއުތައް މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ