އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު، ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް ބަދަލުތަކެއް ގެނައުމަށްފަހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލަކީ މީގެ ކުރިން މިދިޔަ މެއި މަހު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވި ބިލެކެވެ. ނަމަވެސް، ބިލުގައި ހުރި ބައެއް ކަންކަމަށް އަލުން ވިސްނުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާލައްވާފައެވެ. ރައީސް ފާހަގަކުރެއްވި އެންމެ މުހިންމު އެއް ކަމަކީ، ބަންދުގައި ތިބޭ މީހުންނާއި ގައިދީންނަށް ގުނަވަން ހަދިޔާ ކުރެވޭ ގޮތަށް ބިލު އޮތުމެވެ.
ރައީސް މަޖިލީހަށް ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ބަންދުގައި ތިބޭ މީހުންނަކީ އެ މީހުންގެ އަމިއްލަ އިހްތިޔާރާއި މިނިވަންކަން ހަނިވެފައިވާ ބަޔަކަށް ވާތީ، އެއްވެސް މަޖުބޫރުކަމެއް ނެތި ފުރިހަމަ ރުހުމުގައި ގުނަވަން ހަދިޔާކުރުމުގެ ފުރުސަތު އެފަދަ މީހުންނަށް ދިނުމަކީ ގާނޫނު ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެކެވެ. އެހެންކަމުން، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބިލު ދިރާސާކޮށް ގެނައި އިސްލާހުގައި ވަނީ، ގުނަވަން ހަދިޔާކުރާ މީހަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ނުވަތަ ގައިދީއަކަށް ވެގެން ނުވާނެ ކަމަށް ކަނޑައަޅާފައެވެ.
މީގެ އިތުރުން، ގާނޫނާ ހިލާފަށް ގުނަވަން ނެގުމާއި ޓްރާންސްޕްލާންޓް ކުރުމުގެ ކުށަށް ކަނޑައަޅާފައިވާ އަދަބުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ކުރިން ބިލުގައި ގިސޯސް ހިފުމާއި ދިޔަ ނަގައިދިނުން ހިމެނި ނަމަވެސް، ކޮމިޓީ މަރުހަލާގައި އެ ބައިތައް ވަނީ އުނިކޮށްފައެވެ. މިހާރު ކަނޑައަޅާފައިވާ އަދަބަކީ 150,000 ރުފިޔާ އާއި 250,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރައްވާތާ 180 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި 'އޯގަން ޓްރާންސްޕްލާންޓް ކައުންސިލް' އެއް އުފައްދަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ބިލު ފާސްވުމާއެކު، ރާއްޖޭގައި އިންސާނުންގެ ގުނަވަން ބަދަލުކުރުމުގެ ގާނޫނީ އޮނިގަނޑު ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ބައްޓަންވެގެންދާނެއެވެ.