ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިހާތަނަށް އެ ހިދުމަތް ނުލިބޭ 82 ރަށުގެ މަސައްކަތް 2028 ވަނަ އަހަރުގެ ކުރިން ނިންމުމަށް އަމާޒު ހިފައިފި ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވުޒާރާއިން ބުނީ، ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިހާރުވެސް މި ނިޒާމުތައް ގާއިމުކޮށް ނިމިފައިވާ ކަމަށެވެ. އެގޮތުން 152 ރަށެއްގައި ނަރުދަމާގެ ނިޒާމު އަދި 143 ރަށެއްގައި ފެނުގެ ނިޒާމު މިހާރު ވަނީ ގާއިމުކޮށް ނިންމާފައެވެ. ނަމަވެސް، އަދިވެސް ފެނުގެ ނިޒާމު ނެތް 46 ރަށަކާއި ނަރުދަމާގެ ނިޒާމު ނެތް 36 ރަށެއް ހިމެނޭހެން ޖުމްލަ 82 ރަށެއްގެ މަސައްކަތް ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ.
މުޅި ރާއްޖޭގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތައް އިތުރަށް ހަރުދަނާކޮށް އަޕްގްރޭޑް ކުރުމަށްޓަކައި ގާތްގަނޑަކަށް 3.3 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ފާހަގަކުރިއެވެ. މި މަސައްކަތްތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ފެން އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި 5000 ޓަނުގެ އާރޯ ޕްލާންޓެއްގެ މަސައްކަތް ނިންމައި، އިތުރު 5000 ޓަނުގެ ޕްލާންޓެއްގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، މާލޭގައި 26,000 ޓަނުގެ އަދި ހުޅުމާލޭގައި 13,000 ޓަނުގެ ފެން ރައްކާކުރެވޭނެ ޓޭންކުތަކުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. އަދި ސިނަމާލެ ބްރިޖް މެދުވެރިކޮށް މާލެ އާއި ހުޅުމާލޭގެ ފެނުގެ ނެޓްވޯކް ގުޅާލުމުގެ މަސައްކަތް ނިމުމުން، ދެ ސަރަހައްދުގެ ފެނުގެ ހިދުމަތް އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ސަރުކާރުން މިހާރު އަންނަނީ "ނޭޝަނަލް ވޯޓާ އެންޑް ސްވަރޭޖް ޕޮލިސީ" އެކުލަވާލައި، ފެނާއި ނަރުދަމާގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަސައްކަތް ކުރަމުންނެވެ. މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ފެންފަށަލަ ރައްކާތެރިކުރުމަށް ހާއްސަ އިސްކަމެއް ދެވޭނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި 2027 ވަނަ އަހަރުގެ ނިޔަލަށް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ބާރުއަޅާ ގާނޫނީ އިސްލާހެއް މިދިޔަ އަހަރު ތަސްދީގު ކުރައްވާފައެވެ.