ސައޫދީއަށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ

ސައޫދީ އަރަބިއްޔާގެ މަދަނީ ސަރަހައްދުތަކަށް އަމާޒުކޮށް ދިން ބެލިސްޓިކް މިސައިލް ހަމަލާތައް ދިވެހިރާއްޖޭގެ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ. އަދި މިފަދަ ހަމަލާތަކަކީ މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދިވެހިރާއްޖެއިން އަބަދުވެސް އޮންނާނީ ސައޫދީ ސަރުކާރާއި އެ ގައުމުގެ އަޚުވަންތަ ރައްޔިތުންނާއެކު ސާބިތުކަމާއެކު ކަމަށް ޚާރިޖީ ވުޒާރާއިން ބުނެއެވެ. އެގޮތުން ސައޫދީގެ ސަރަހައްދީ ނަޒާހަތްތެރިކަމާއި ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

މީގެ އިތުރުން، ސަރަހައްދީ މަސްރަހު އިތުރަށް ނުތަނަވަސްވިޔަ ނުދީ، ސުލްހަ މަސަލަސްކަން ގާއިމުކުރުމަށްޓަކައި މަޝްވަރާގެ މަގު އިޚްތިޔާރުކުރުމުގެ މުހިންމުކަންވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ. ޚާރިޖީ ވުޒާރާގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ، ޑިޕްލޮމެސީގެ ޒަރީއާއިން މައްސަލަތަކަށް ހައްލު ހޯދުމަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް އެންމެ ރަނގަޅު މަގު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ