މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ނިމި، މުޅި މަޝްރޫޢު ނިމުމަކާ ގާތްވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، މަގުގެ ސަބް-ބޭސް އާއި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި މަގުގެ ބާކީ އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތް މާދަމާގެ ނިޔަލަށް ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ. މީގެ އިތުރުން، މަޝްރޫޢުގެ ހަތަރުވަނަ އަދި ފަސްވަނަ ސެގްމަންޓްގައި މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ޕާކިންގ ޒޯންތައް ތަރައްޤީކުރުމާއި، ދެވަނަ އަދި ތިންވަނަ ސެގްމަންޓްގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތެވެ. އަދި ކޭބަލް އެޅުމަށް ބޭނުންވާ ކާނުތައް ތައްޔާރުކުރުމުގެ މަސައްކަތްވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. އެމްޓީސީސީގެ އަމާޒަކީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް މުޅި މަޝްރޫޢު އެއްކޮށް ނިންމާލުމެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ ދަށުން 830 މީޓަރުގެ މަގެއް ތަރައްޤީކުރެއެވެ. މީގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތްވެސް ވަނީ ހިމަނާފައެވެ. މި މަޝްރޫޢުގެ ދަށުން މީގެ ކުރިން ވަނީ އެމްއެމްއޭ ސަރަހައްދާއި މާރުކޭޓު ސަރަހައްދުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލާފައެވެ.
މި މަޝްރޫޢު ނިމުމުން، އެ ސަރަހައްދުގައި ހުރި އޮފީސްތަކާއި ބޭންކުތަކަށް ޚިދުމަތް ހޯދަންދާ ފަރާތްތަކަށް ޕާކުކުރުމުގެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެއެވެ. އަދި މަގު ފުޅާކޮށް ފަރުމާކޮށްފައިވުމުން، އެ ސަރަހައްދުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ބެލެވެއެވެ.