ފްރާންސްގެ ހަމަލާތައް ހުއްޓުވައި ސްޕެއިން ވޯލްޑް ކަޕްގެ ފައިނަލަށް!

ސެމީ ފައިނަލް މެޗުގައި ފްރާންސް ބަލިކުރުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. ފޮޓޯ: އޭޕީ
ސެމީ ފައިނަލް މެޗުގައި ފްރާންސް ބަލިކުރުމަށްފަހު ސްޕެއިންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. ފޮޓޯ: އޭޕީ

ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުގައި ފްރާންސްގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރިހޯދައި، ސްޕެއިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

އެމެރިކާގެ އޭޓީއެންޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ލުއިސް ޑެލަ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސްޕޭން ޓީމުން ވަނީ ވަރަށް ބޮޑަށް ރޭވުންތެރި، އަދި ތަރުތީބު ކުޅުމެއް ދައްކާފައެވެ.

މުޅި މެޗުގެ 53 އިންސައްތަ ކޮންޓްރޯލް ކުރީ ސްޕޭނުންނެވެ. ކީލިއަން އެމްބާޕޭ، އޮސްމާން ޑެމްބޭލޭ، އަދި މައިކަލް އޮލީސޭ ފަދަ ނުރައްކާތެރި ކުޅުންތެރިން ހިމެނޭ ފްރާންސްގެ އެޓޭކަށް މި މެޗުގައި ޖުމްލަ ފޮނުވާލެވުނީ އެންމެ ފަސް ހަމަލާއެވެ. މެޗުގެ ކުރީކޮޅު ފްރާންސުން ޕްރެޝަރު ކުރަން މަސައްކަތް ކުރި ނަމަވެސް، ރޮޑްރީ އާއި ފަބިއަން ރޫއިޒްގެ އެހީތެރިކަމާއެކު ސްޕޭނުން ވަނީ މެޗުގެ ކޮންޓްރޯލް އަތުލައި، އަރިމަތިން ލަމީން ޔަމާލް އާއި އެލެކްސް ބައޭނާގެ ބޭނުން ހިފައިގެން ހަމަލާތައް އުފައްދަން ފަށާފައެވެ.

މެޗުގެ ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ އޮޔަޒަބާލްއެވެ. މިއީ ލޫކަސް ޑީނިއޭ އޭރިއާ ތެރެއިން ލަމީން ޔަމާލްއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ފަސްވަނަ ލަނޑެވެ. ފްރާންސަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 30 ވަނަ މިނެޓުގައި އެޓީމުގެ މުހިންމު ޑިފެންޑަރު ވިލިއަމް ސަލީބާއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމުންނެވެ.

ސްޕޭންގެ ދެވަނަ ލަނޑު 58 ވަނަ މިނެޓުގައި ފެނިގެންދިޔައީ ޑެނީ އޮލްމޯ ތަނަވަސްކޮށްދިން ފުރުސަތަކުން ޕެޑްރޯ ޕޯރޯ ޖެހި ލަނޑުންނެވެ. މެޗުގެ ފަހުބައިގައި ފްރާންސުން ލަނޑެއް ޖެހޭތޯ ގިނަ ބަދަލުތަކެއް ގެނެސްގެން ކުރި މަސައްކަތްތައް ސްޕޭންގެ ޕައު ކުބާސީ އާއި އައިމެރިކް ލަޕޯޓް ވަނީ ހުށިޔާރުކަމާއެކު ހުއްޓުވާފައެވެ.

މި ނަތީޖާއާއެކު ސްޕޭން މިވަނީ 2010 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފައެވެ. އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލްގައި ސްޕޭން ބައްދަލުކުރަން ޖެހޭނީ އާޖެންޓީނާ ނުވަތަ އިންގްލެންޑާއެވެ. ޖެހިޖެހިގެން ތިންވަނަ ފަހަރަށް ފައިނަލަށް ދިޔުމުގެ ފުރުސަތު ގެއްލުނު ފްރާންސަށް ދެން އޮތީ ތިންވަނަ ހޮވާ މެޗެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ