ވެލާނާ އެއާޕޯޓުގެ ފަޅުތެރޭގެ އޮޕަރޭޝަންތައް ޑިޖިޓަލްކުރުމަށް "ހާބަރ ޕޯޓަލް" ތައާރަފުކޮށްފި

ވީއައިއޭ.
ވީއައިއޭ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ފަޅުތެރޭގައި އުޅަނދުފަހަރު ބޭއްވުމާއި، ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފިއެވެ.

"ހާބަރ ޕޯޓަލް" ގެ ނަމުގައި ތައާރަފުކުރި މި ޕްލެޓްފޯމުގެ މައިގަނޑު މަގުސަދަކީ އުޅަނދުތައް ރަޖިސްޓްރީކުރުމާއި ފަޅުތެރެ ބެލެހެއްޓުމުގެ ކަންކަން ދެފުށް ފެންނަ، ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމެވެ. މީގެ އިތުރުން، މި ޕޯޓަލް މެދުވެރިކޮށް އުޅަނދުތަކުގެ ރެކޯޑުތައް ބެލެހެއްޓުމާއި އޮޕަރޭޝަނަލް ކަންކަން މޮނިޓަރު ކުރުމުގައި އެމްއޭސީއެލްއަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޚިދުމަތް ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި ބޮޑު އިސްކަމެއް ދެނީ އުޅަނދުތައް ރަޖިސްޓްރީކުރުމާއި، ޕޯޓަލް ބޭނުންކުރާނެ ގޮތުގެ ހޭލުންތެރިކަން އިތުރުކުރުމަށެވެ. މިގޮތުން އުޅަނދުތަކުގެ ވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް މިހާރުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރަޖިސްޓްރީކުރުމުގެ މަރުހަލާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަޅުވެރިންނާ ސީދާ މުޢާމަލާތްކުރުމުގެ މަސައްކަތްވެސް އެމްއޭސީއެލް އިން ދަނީ ކުރަމުންނެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި، އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓަރުންނަށް ޕޯޓަލްގައި ރަޖިސްޓްރީވުމަށް ޖުލައި މަހުގެ ނިޔަލަށް ފުރުސަތު އޮންނާނެއެވެ. މި މަރުހަލާ ނިމި، ޕޯޓަލް ފުރިހަމައަށް ބޭނުންކުރަން ފެށުމުން، ފަޅުތެރޭގެ އެކި ޚިދުމަތްތައް ހޯދުމުގެ ކުރިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެ، ހުއްދައަށް އެދި ހުށަހަޅަން ޖޭހޭނެއެވެ.

މި އައު ނިޒާމުގެ ސަބަބުން އުޅަނދުތަކުގެ ވެރިންނާއި، އޮޕަރޭޓަރުން އަދި ކަމާބެހޭ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެއާޕޯޓުގެ ފަޅުތެރޭގެ އޮޕަރޭޝަންތައް މިހާރަށްވުރެ އަވަސްވެފައި ހަރުދަނާ ވެގެންދާނެ ކަމަށް އެމްއޭސީއެލް އިން އުންމީދު ކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ