ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުއްޖަކު، އެ ރަށު އާންމު ރައްޔިތަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި މައްސަލައާ ގުޅޭގޮތުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްސާމް ވިދާޅުވީ، މާރާމާރީ ހިނގާފައިވަނީ އެ މަރުކަޒުގައި ތިބި ތިން ކުއްޖަކާއި، ގޮނޑުދޮށުގައި މަސް ބާނަން ހުރި މީހަކާ ދެމެދު އުފެދުނު ދެބަސްވުމަކަށް ފަހުގައެވެ. މަސް ބާނަން ހުރި މީހާ އެތަނުން ދިއުމަށް މަސައްކަތް ކުރި ނަމަވެސް، އެ ކުދިން އޭނާއަށް ހަމަލާދީފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހާދިސާގައި އަނިޔާވި މީހާއަށް ހޯރަފުށީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ރަށުން ބޭރަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ބުނެއެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ބައެއް ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި، އަނިޔާވި މީހާ ފެނިފައިވަނީ ފަޅު ގެއެއްގެ ތެރެއަށް އެއްލާލާފައި އޮއްވައެވެ. ނަމަވެސް މިކަމާ ގުޅޭ ރަސްމީ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި ހާދިސާއާ ގުޅިގެން ހޯރަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށް، އެ ރަށު ހާފްވޭ ހައުސް ކައިރިއަށް އެއްވެ އިހުތިޖާޖު ކޮށްފައެވެ. ރައްޔިތުން ގޮވާލަމުން ދިޔައީ އެ މަރުކަޒުގައި ތިބޭ ކުދިންގެ ފަރާތުން ރަށުގެ އާންމު ރައްޔިތުންނަށް ކުރިމަތިވާ ނުރައްކާތަކަށް ހައްލެއް ހޯދައިދިނުމަށެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި، މަރުކަޒުގެ ތިން ކުއްޖަކާ ގުޅޭގޮތުން ހުށަހެޅިފައިވާ މި މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުންދާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.