މާލޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ކަމަށް ތުހުމަތުކުރެވޭ މ. ލޭންޑްއޮފްގާރޑްންގެ ބައެއް، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަންދުކޮށްފިއެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރާ އެކު އެ ތަން ބަންދުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިއީ މާލެ ސިޓީގައި މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ހޯދައި ބަންދުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަހަރު ބަންދުކުރި ހަވަނަ ތަނެވެ. މީގެ ކުރިން މެއި މަހުން ފެށިގެން މާލޭގެ ފަސް ތަނެއް ވަނީ ތިން މަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައެވެ.
މީގެ ކުރިން ބަންދުކުރި ތަންތަނުގެ ތެރޭގައި ހ. ގުންޒަރު، މ. ތަރިވިލާގެ، މ. އަމީރާމަންޒިލްގެ ބައެއް، މއ. ސެވަން އެންޑް ހައުސް އަދި ހ. ކަނޑުފިނިގެ ހިމެނެއެވެ. މި ހުރިހާ ތަނެއް ވެސް ބަންދުކޮށްފައިވަނީ ތިން މަސް ދުވަހުގެ މުއްދަތަށެވެ.
ފުލުހުން ބުނި ގޮތުގައި ކޯޓު އަމުރުގެ ދަށުން ބަންދުކޮށްފައިވާ މިފަދަ ތަންތަނަށް، އަމުރުގެ މުއްދަތުގައި ހުއްދައާ ނުލައި ވަދެނުކުމެ އުޅުމަކީ ގާނޫނީ ކުށެކެވެ. އެހެންކަމުން، މިފަދަ ތަންތަނަށް ވަންނަ މީހުންނާއި އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެފަދަ ތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ އިތުރު ތަންތަން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ފުލުހުންގެ ހިދުމަތުން ވަނީ ދީފައެވެ. އަދި ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.