ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަމީޒާ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ފާތިމަތު އަމީޒާ. ފޮޓޯ: މީރާ
ފާތިމަތު އަމީޒާ. ފޮޓޯ: މީރާ

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ގދ. ގައްދޫ، ކޯޒީރައުންޑް ފާތިމަތު އަމީޒާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މި މަގާމަށް އަމީޒާ އައްޔަންކުރަން ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒަރީރު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވުމާ ގުޅިގެންނެވެ. އެއާއެކު، މި މަގާމަށް އައްޔަންކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ދެ ބޭފުޅެއްގެ ނަން ހުށަހެޅުއްވީ މި މަހުގެ ހަވަނަ ދުވަހުއެވެ.

ރައީސް ހުށަހެޅުއްވި ދެ ބޭފުޅުންނަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ އާއި، ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި ފާތިމަތު އަމީޒާއެވެ. މި ދެ ބޭފުޅުންގެ ނަން މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ދިރާސާކުރިއިރު، އެންމެ މަތިން މާކްސް ލިބިވަޑައިގަތީ އަމީޒާއަށެވެ.

ކޮމިޓީ މަރުހަލާގައި އަމީޒާއަށް 92.44 އިންސައްތަ މާކްސް ލިބިވަޑައިގަތްއިރު، ހަލީމަށް ލިބިވަޑައިގަތީ 82.89 އިންސައްތަ މާކްސްއެވެ. މަޖިލީހުގެ ތަޅުމުގައި މިއަދު ވޯޓަށް އެހީ ކޮމިޓީން އެންމެ މަތިން މާކްސް ދީފައިވާ ތަރުތީބުންނެވެ.

އަމީޒާއަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން އެކައުންޓިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިގެން ހުންނެވި، ޓެކްސްގެ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ މިހާތަނަށް ހުންނެވީ މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ