ގުޅީފަޅުން ލިބުނު ގޯތީގެ ލިޔުން އޮންލައިންކޮށް ހޯދޭނެ އިންތިޒާމު ހަމަޖައްސައިފި

ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން. ފޮޓޯ: މިނިސްޓްރީ
ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން. ފޮޓޯ: މިނިސްޓްރީ

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ގޯތި ހަވާލުކުރިކަމުގެ ލިޔުން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ޑިޖިޓަލްކޮށް ހޯދުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ގޯތި ހަވާލުކުރިކަމުގެ ލިޔުން ހޯދުމަށްޓަކައި ހިޔާވެހި ޕޯޓަލްއަށް އީފާސް (eFaas) މެދުވެރިކޮށް ލޮގިންވާން ޖެހޭނެއެވެ. ޕޯޓަލްއަށް ވަނުމަށްފަހު، މައި މެނޫގައިވާ 'ގޯތި ހަވާލުކުރުން' މި ބަޔަށް ޒިޔާރަތްކުރުމުން، ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އެ ފަރާތެއްގެ ގޯތީގެ ތަފްސީލުތައް ފެންނަން ހުންނާނެއެވެ. އަދި އެތަނުން 'ގޯތި ހަވާލުކުރިކަމުގެ ލިޔުން' ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މި ޑިޖިޓަލް ލިޔުމުގައި ގޯތީގެ ލޮކޭޝަން ބަލައިލުމަށްޓަކައި ކިއުއާރު (QR) ކޯޑަކާއި ލިންކެއް ހިމަނާފައިވެއެވެ. މި ކޯޑު ސްކޭން ކޮށްލުމުން ނުވަތަ ލިންކަށް ފިއްތާލުމުން، ގޯތި އޮތް ސަރަހައްދު މެޕުން ފެންނާނެއެވެ. މީގެ ކުރިން މި ލިޔުން ދޫކުރަމުން އައީ ގުޅީފަޅަށް ގޮސްގެން ކަމަށްވީ ނަމަވެސް، އައު ބަދަލާއެކު އެ ސަރަހައްދަށް ނުގޮސް ގޭގައި ތިބެގެން ލިޔުން ހޯދައި، ގޯތީގެ މިހާރުގެ ހާލަތު ބަލައިލެވޭނެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ، މި ލިޔުން ޑައުންލޯޑް ކުރެވޭނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި ލިބިފައިވާ ގޯތި މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދެއްގައި ހިމެނޭނަމަ، އެ ސަރަހައްދެއްގެ މަސައްކަތް ނިމުމުން ލިޔުން ދޫކުރަން ފަށާނެ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.

މި ބަދަލަކީ ސަރުކާރުގެ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގެނެވުނު ބަދަލެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ