މާލެއާއި ވިލިމާލެއެކޭ އެއްފަދައިން ހުޅުމާލޭގައި ވެސް "ކޮމިއުނިޓީ އެންގޭޖްމަންޓް ސާވިސް" ނުވަތަ މަގު ފާރަވެރިންގެ ހިދުމަތް މެދުވެރިކޮށް ރަށުތެރެ ބެލެހެއްޓުމުގެ މަސައްކަތް ފެށުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
މި ހުށަހެޅުން ކައުންސިލަށް ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޣާލިބެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހުޅުމާލެއަކީ ވަރަށް ހަލުވިކަމާއެކު އާބާދީ އިތުރުވަމުންދާ ރަށަކަށް ވެފައި، ހާއްސަކޮށް ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް މުނިސިޕަލް ހިދުމަތްތައް ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި ބައެއް ސަރަހައްދުތައް އިންތިހާއަށް ގޮނޑުވެ، މަގުތައް އަނދިރިވުމުގެ ސަބަބުން އާންމުން ބޭރަށް ނުކުމެ އުޅުމަށް ބިރުގަންނަ ހާލަތަށް ކަންކަން ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިފަދަ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަކީ ކައުންސިލްގެ ޒިންމާއެއް ކަމަށް ވެސް ޣާލިބު ވިދާޅުވިއެވެ.
މަގު ފާރަވެރިންގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ މަގުމަތީގައި ދުއްވާ އުޅަނދުތަކާއި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ހުންނަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމެވެ. މީގެ އިތުރުން، ޕޭވްމަންޓްތަކާއި މަގުމަތީގައި އާންމުންނަށް އުނދަގޫވާ ގޮތަށް ތަކެތި ބަހައްޓާފައި ހުރޭތޯ ބަލައި، އެކަންކަން ރިޕޯޓުކުރުމަކީ ވެސް އެ ފަރާތްތަކުގެ ޒިންމާއެކެވެ. މި ހިދުމަތުގެ ސަބަބުން މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށާއި، ކުށްކުރުން މަދުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ދެކެއެވެ.
މިއަދުގެ ބައްދަލުވުމުގައި މި ހުށަހެޅުން ފާސްކުރުމާއެކު، ވީހާވެސް އަވަހަކަށް ހުޅުމާލޭގައި މި ހިދުމަތް ފެށުމަށް ވަނީ ނިންމާފައެވެ. މާލެއާއި ވިލިމާލޭގައި މިހާރު ވެސް ދެމުންދާ މި ހިދުމަތަކީ ރަށުތެރެ ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ހިދުމަތެކެވެ. މި ނިންމުމުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ކައުންސިލުން އުންމީދު ކުރެއެވެ.