ޒުވާން ވިޔަފާރިވެރިންނަށް ޚާއްޞަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" އިފްތިތާހުކޮށްފި

"ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގ" ތަޢާރަފުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން
"ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގ" ތަޢާރަފުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން. ފޮޓޯ: ބީއެމްއެލް

ދިވެހި ޒުވާނުންގެ މެދުގައި ވިޔަފާރީގެ ރޫޙު އާލާކޮށް، އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ގެ ނަމުގައި ޚާއްޞަ ފެސިލިޓީއެއް މިއަދު އިފްތިތާހުކޮށްފިއެވެ.

މި ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިއަދު ފެށި "ޔޫތު އެންޓަރޕްރަނަރސް އެކްސްޕޯ" ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ފުރުސަތެކެވެ. މި ފެސިލިޓީގެ ދަށުން އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލައި 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ޒުވާނުންނަށް އެމީހުންގެ މަސައްކަތް ފެށުމަށް ނުވަތަ ފުޅާކުރުމަށް ބޭނުންވާ ރައުސްމާލު ހޯދައިދިނުމަށް ހުޅުވާލެވުނު ފަހި ފުރުސަތެކެވެ.

މި ފެސިލިޓީގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ޕްރޮސެސްކޮށް ނިންމައި، އަވަހަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމެވެ. އަހަރަކު 7 އިންސައްތައިގެ ކުޑަ ޕްރޮފިޓް ރޭޓެއްގައި ދޫކުރާ މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭއިރު، 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބޭނެއެވެ. މާލީ އެހީތެރިކަމުގެ އިތުރުން، އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ވިޔަފާރީގެ އަމަލީ އިރުޝާދާއި، މެންޓަރޝިޕް އަދި ތަމްރީނު ފޯރުކޮށްދީ، ކާމިޔާބު ވިޔަފާރިއެއް ބިނާކުރުމުގެ ކޮންމެ މަރުހަލާއެއްގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ކުރިއަށްގެންދާ މި އެއް ބިލިއަން ރުފިޔާގެ ފައިނޭންސިންގ ސްކީމަކީ ރާއްޖޭގެ މުސްތަގުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވި ގޮތުގައި، މި ފެސިލިޓީގެ ސަބަބުން ޒުވާން ވިޔަފާރިވެރިންގެ ޚިޔާލުތައް ލަސްކަމެއް ނެތި ހަގީގަތަކަށް ބަދަލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ