ހެންވޭރު ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރުއަޅާ ނިންމާލައިފި

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރުއަޅާ ނިންމާފައި. ފޮޓޯ: އެމްޓީސީސީ
މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރުއަޅާ ނިންމާފައި. ފޮޓޯ: އެމްޓީސީސީ

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރުއަޅާ އެއްކޮށް ނިންމާލައިފިއެވެ. މި މަސައްކަތް ކުރިއަށް ގެންދާ އެމްޓީސީސީން ބުނި ގޮތުގައި، މަގުގެ މި ސަރަހައްދުގައި ތާރުއަޅާ ނިމުމާއެކު މަޝްރޫއުގެ ބޮޑު ބައެއް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ސެގްމަންޓް ދޭއް އަދި ތިނެއްގައި ހިމެނޭ ޕާކިން ޒޯންތައް ހެދުމާއި، ދުވާރުގައި ގާ އެތުރުމުގެ އިތުރުން ކޭބަލް ޓްރެންޗް އެޅުމުގެ މަސައްކަތްތަކެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މި ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެއެވެ. މީގެ އިތުރުން، މަގުމަތީގެ ނިޝާންތައް ކުރެހުމާއި ޖަންކްޝަންތައް އުސްކުރުމުގެ މަސައްކަތްވެސް މި ހަފުތާގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ މި މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް މި މަހުގެ 26 ވަނަ ދުވަހަށް، ނުވަތަ މިނިވަން ދުވަހާ ދިމާކޮށް އެއްކޮށް ނިންމާލުމަށެވެ. 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ފެށި މި މަޝްރޫއުގެ ދަށުން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.

މި މަގު ތަރައްގީކޮށް ނިމުމުން މާލޭގެ އުތުރު ފަރާތުގެ ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް އެ ސަރަހައްދުގައި ހުރި އޮފީސްތަކާއި ބޭންކުތަކަށް ދާ ފަރާތްތަކަށް ޕާކިންގެ ދަތިކަން ހައްލުވެ، ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މިހާރުވެސް އިއްޒުއްދީން ފާލަމާއި މާރުކޭޓު ސަރަހައްދު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ