އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ އައްޔަންކުރަން ކޮމިޓީން ރުހުންދީފި

ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު. ފޮޓޯ: ޕީއެސްއެމް
ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު. ފޮޓޯ: ޕީއެސްއެމް

ޔޫރަޕިއަން ޔޫނިއަން އާއި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް، ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ރުހުން ދީފިއެވެ.

މި މަގާމަށް ދިޔާނާ އައްޔަންކުރުމާ މެދު މަޖިލީހުގެ ލަފަޔަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިޓީފުޅު ފޮނުއްވީ މި ހިނގާ ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ. އެ ދުވަހު މަޖިލީހުގެ ޖަލްސާގައި އެ ސިޓީފުޅު އިއްވުމަށްފަހު، މައްސަލަ ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. ކޮމިޓީގެ މަރުހަލާގައި ދިޔާނާގެ ތައުލީމީ ގާބިލުކަމާއި ތަޖުރިބާއަށް ބެލުމަށްފަހު، އޭނާއަކީ އެ މަގާމަށް އެކަށީގެންވާ ބޭފުޅެއް ކަމަށް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ.

ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިޔާނާ އީޔޫ އަދި ބެލްޖިއަމްގެ ސަފީރުކަމަށް އައްޔަންކުރުމަށް ފެންނަ ކަމަށް ނިންމީ ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ. ދިޔާނާއަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި، ބައިނަލްއަގުވާމީ ގުޅުންތަކުގެ ދާއިރާގައިވެސް ތަޖުރިބާކާރު ބޭފުޅެކެވެ.

ދިޔާނާ ސައީދަކީ މީގެ ކުރިން ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބަންޑާރަނައިބުކަން ކުރެއްވިއިރު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަން ވެސް ކުރެއްވިއެވެ. މީގެ އިތުރުން، ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅަކީވެސް ދިޔާނާއެވެ. ސަފީރުކަމަށް އައްޔަންކުރުމުގެ ކުރިން، މިދިޔަ އޭޕްރިލް މަހުން ފެށިގެން އޭނާ ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައެވެ.

ކޮމިޓީން ރުހުން ދިނުމާ ގުޅިގެން، ދެން އޮންނާނީ މަޖިލީހުގެ ތަޅުމުގައި މި މައްސަލައަށް ވޯޓަށް އެހުމެވެ. މަޖިލީހުގެ އަގުލަބިއްޔަތުން މި ނިންމުން ފާސްވެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާ ދިޔާނާ އެ މަގާމަށް އައްޔަންކުރައްވާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ