ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތުގެ ދަށުން، މިހާތަނަށް 12،000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 17 ނޮވެމްބަރު 2023 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 12،552 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ. މީގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅުމުގެ ސަބަބުން ޑީޕޯޓުކުރި މީހުންނާއި، އެ ނޫންވެސް އިދާރީ ގޮތުން ފާހަގަކުރެވުނު މައްސަލަތަކާ ގުޅިގެން ފޮނުވާލި މީހުން ހިމެނެއެވެ.
އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި، މިގޮތަށް ފޮނުވާލި މީހުންގެ ތެގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ މީހުންނާއި، ސައްހަ ލިޔެކިޔުން ނެތް މީހުންގެ އިތުރުން ވިސާގެ މުއްދަތު ހަމަވެފައިވާ މީހުން ގިނަ އަދަދަކަށް ހިމެނެއެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މާލެ ސަރަހައްދާއި އަތޮޅުތެރޭގައި ވެސް ދަނީ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.
ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހިންގާ "އޮޕަރޭޝަން ކުރަނގީ" ގެ ދަށުން މިހާތަނަށް 202،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ވަނީ އެއްކޮށްފައެވެ. ސަރުކާރުން ވަނީ އަންނަ އަހަރުން ފެށިގެން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ، އެއްވެސް އިތުރު ފުރުސަތެއް ނުދީ ވަގުތުން ޑީޕޯޓުކުރާނެ ކަމުގެ އިންޒާރު ދީފައެވެ. މި މަސައްކަތަކީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދުމަށް އަމާޒު ހިފާފައިވާ މަސައްކަތެކެވެ.
މިހާރު ކުރިއަށްދާ އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފޭސްގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ގަވާއިދާ ހިލާފަށް އުޅޭ މީހުން ހޯދައި ފޮނުވާލުމާއި، ދިވެހިންގެ ނަމުގައި ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމެވެ. މީގެ އިތުރުން، ވޯކް ޕާމިޓް ފީ ނުދައްކާ ހުރި ފަރާތްތަކަށް އެ ފީ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދީ، ގަވާއިދުގެ ތެރެއަށް ވެއްދުމަށް ވިޔަފާރިވެރިންނަށް ބާރުއެޅުމަކީ ވެސް މި ފޭސްގެ މުހިންމު ބައެކެވެ.