އަތޮޅުތެރޭގެ ބާޒާރު އަގުތައް ބަލާލެވޭ "އަގުމަގު" އެޕްލިކޭޝަން ތަޢާރަފްކޮށްފި

އަގުމަގު އެޕްލިކޭޝަން. ފޮޓޯ: ޓެކްނިއުސް
އަގުމަގު އެޕްލިކޭޝަން. ފޮޓޯ: ޓެކްނިއުސް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަކެތި ވިއްކާ އަގުތައް ބަލާލެވޭ "އަގުމަގު" އެޕްލިކޭޝަން ރަސްމީކޮށް ތައާރަފްކޮށްފިއެވެ. މިއީ މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގެ ބާޒާރުގައި ތަކެތީގެ އަގު ހުރިގޮތް އާންމުންނަށް ފަސޭހައިން ދެނެގަނެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ވުޒާރާއިން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ.

މި އެޕްލިކޭޝަނަކީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިފްތިތާޙްކުރި "އަގުމަގު" ޕޯޓަލްގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ޒަމާނީ ފީޗަރތަކާއެކު ތައްޔާރުކޮށްފައިވާ އެޕެކެވެ. މީގެ ސަބަބުން ކޮންމެ ދުވަހަކު ބޭނުންކުރާ މުދަލުގެ އެންމެ ފަހުގެ އަގުތަކާއި، އެކި ފިހާރަތަކުގެ މެދުގައި ހުރި އަގުގެ ތަފާތުތައް އެއް ތަނަކުން ބަލާލުމުގެ ފުރުޞަތު އާންމު ކޮންސިއުމަރުންނަށް ލިބިގެންދާނެއެވެ.

އެޕްލިކޭޝަންގެ ޚާއްޞަ ފީޗަރތަކުގެ ތެރޭގައި، ފާއިތުވި 10 ދުވަހުގެ ތެރޭގައި އަގުތަކަށް އައިސްފައިވާ ބަދަލުތައް ބަލާލުމާއި، އަގުތަކަށް ބަދަލު އައުމުން ވަގުތުން ނޮޓިފިކޭޝަން ލިބުން ހިމެނެއެވެ. މީގެ އިތުރުން، އާންމުކޮށް ގަންނަން ބޭނުންވާ ތަކެތީގެ ލިސްޓެއް ސޭވްކޮށް، އެ މުޅި ލިސްޓަށް އެންމެ ކުޑަ އަގެއް ހޭދަވާނެ ގޮތްތަކާއި ވަކިވަކި ސާމާނު އެންމެ ހެޔޮކޮށް ލިބޭނެ ތަންތަން ފަސޭހަކަމާއެކު ހޯދާލެވޭނެއެވެ.

އިޤްތިޞާދީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެޕްލިކޭޝަންގެ ސަބަބުން ކޮންމެ ރަށެއްގައިވެސް ތަކެތި އެންމެ އަގުހެޔޮކޮށް ލިބެން ހުރި ތަންތަން ދަތުރުކުރުމުގެ ކުރިން ކަށަވަރުކުރެވޭނެއެވެ. އަދި މިއީ ވެބް ޕޯޓަލްއިން މިހާރު ލިބެން ނެތް ގިނަ ފަސޭހަތަކެއް އެކުލެވޭ، ފިހާރަތަކުގެ އަގުތައް އަޅާކިޔާލަން ފަސޭހަ ވަސީލަތެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ