ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ދަރިވަރުން ޗުއްޓީއަށް

2025 ވަނަ އަހަރުގެ ފުރަތަމަ ޓަާމުގެ ރިޕޯޓުފޯމު ދިނުމުގެ ރަސްމިއްޔާތެއްގެ ތެރެއިން. ފޮޓޯ: ޖަމާލުއްދީން ސްކޫލް
2025 ވަނަ އަހަރުގެ ފުރަތަމަ ޓަާމުގެ ރިޕޯޓުފޯމު ދިނުމުގެ ރަސްމިއްޔާތެއްގެ ތެރެއިން. ފޮޓޯ: ޖަމާލުއްދީން ސްކޫލް

މިއަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުން މިއަދު ވަނީ ޗުއްޓީއަށް ގޮސްފައެވެ. ފުރަތަމަ ޓާމުގެ ކިޔެވުން ނިމުމާ ގުޅިގެން މާލެއާއި އަތޮޅުތެރޭގެ ސްކޫލްތަކުގައި މިއަދު އެކި ގަޑިތަކުގައި ވަނީ ދަރިވަރުންގެ ރިޕޯޓް ފޮތް ދޫކޮށްފައެވެ.

ފުރަތަމަ ޓާމުގެ ޗުއްޓީގެ ގޮތުގައި ދަރިވަރުންނަށް މިއަހަރު ލިބޭނީ 16 ދުވަހުގެ މުއްދަތެކެވެ. ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ. ތައުލީމީ ދާއިރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި 218 ސްކޫލެއްގައި 77،000 އަށްވުރެ ގިނަ ދަރިވަރުން މިހާރު އަންނަނީ ތައުލީމު ހާސިލްކުރަމުންނެވެ. މީގެ ތެރޭގައި ސަރުކާރު ސްކޫލްތަކާއި އަމިއްލަ ސްކޫލްތައްވެސް ހިމެނެއެވެ.

ދިރާސީ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. ދެވަނަ ޓާމުގެ ކިޔެވުން ނިމުމުން ލިބޭ ބޮޑު ޗުއްޓީގެ މުއްދަތަކީ 30 ދުވަހެވެ. މިއަހަރުގެ ކިޔެވުން ކުރިއަށްދަނީ ސަރުކާރުން ތައުލީމީ ކަލަންޑަރަށް ގެނައި އާ ބަދަލުތަކާ އެކުގައެވެ. މި ބަދަލުތަކުގެ މަގްސަދަކީ ދަރިވަރުންނާއި ބެލެނިވެރިންނަށް ލުއިފަސޭހަ ނިޒާމެއް ގާއިމްކޮށްދިނުމެވެ.

މީގެކުރިން އަހަރުގެ މެދުތެރޭގައި ދިރާސީ އާ އަހަރު ފަށާ ގޮތަށް އޮތް އޮތުން ބަދަލުކޮށް، މިއަހަރުގެ ކިޔެވުން ފަށާފައިވަނީ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހުއެވެ. މި ބަދަލަކީ ދިރާސީ އަހަރު ފެށޭ ދުވަސްވަރާ ގުޅޭގޮތުން ބެލެނިވެރިންގެ މެދުގައި އޮތް ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، މި ސަރުކާރުން ގެނައި މުހިންމު އިސްލާހެކެވެ. މި ބަދަލާއެކު ދަރިވަރުންގެ ކިޔެވުމުގެ ތަރުތީބު އަލުން ކުރީގެ އުސޫލަށް ރުޖޫއަވެ، އާންމު ހާލަތަކަށް ވަނީ ބަދަލުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ