އެވަރގްރީން ލައިންގެ ޚިދުމަތްތައް އެމްއެސްއެސް މެދުވެރިކޮށް ރާއްޖެއަށް ތައާރަފްކޮށްފި

އެވަރގްރީން ލައިންގެ ބޯޓެއް. ފޮޓޯ: އެވްރގްރީން މެރިން
އެވަރގްރީން ލައިންގެ ބޯޓެއް. ފޮޓޯ: އެވްރގްރީން މެރިން

ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ޝިޕިންގ ކުންފުންޏެއް ކަމަށްވާ "އެވަރގްރީން" ލައިންގެ ޚިދުމަތްތައް ރާއްޖޭގެ ގައުމީ ޝިޕިންގ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އާ ގުޅިގެން ރާއްޖޭގައި ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް އިފްތިތާހުކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުންތައް ވަނީ އިއުލާނުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިގްސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުއްލަތީފް ވިދާޅުވީ، މި ޕާޓްނަރޝިޕަކީ ރާއްޖޭގެ އިގްތިސާދު ކުރިއަރަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ. ރާއްޖެއަކީ 90،000 އަށްވުރެ ގިނަ ބާވަތުގެ މުދާ އިމްޕޯޓްކުރާ ގައުމަކަށް ވުމާއެކު، ޝިޕިންގ ދާއިރާ ހަރުދަނާވުމަކީ ވިޔަފާރިތަކަށް ލިބޭނެ ބޮޑު ލުޔެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން މި ސިނާއަތަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވި ގޮތުގައި، އެވަރގްރީންގެ ބޮޑު ވިއުގައާއެކު މަސައްކަތް ފެށުމުން ދިވެހި ވިޔަފާރިވެރިންނަށް ބައިނަލްއަގުވާމީ މާކެޓްތަކުން މުދާ ގެނައުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މި އެއްބަސްވުމަކީ އެމްއެސްއެސް އާއި އެވަރގްރީންގެ ސްރީލަންކާ އޮފީހާ ދެމެދު ވެވުނު އެއްބަސްވުމެކެވެ. އެވަރގްރީން ސްރީލަންކާގެ ވައިސް ޕްރެޒިޑެންޓް އަނޫރާދާ ފެނާންޑޯ ވިދާޅުވީ، އެމްއެސްއެސް އަކީ އެ ކުންފުނީގެ މިންގަނޑުތަކަށް ފެތޭ، އިތުބާރު ހުރި ބައިވެރިއެއް ކަމަށެވެ.

އެމްއެސްއެސް އިން މިހާރުވެސް ދަނީ ދުނިޔޭގެ ނަން މަޝްހޫރު ޝިޕިންގ ލައިންތައް ކަމަށްވާ މާސްކް އަދި ހެޕަގް-ލޮއިޑް ފަދަ ކުންފުނިތަކާއެކު މަސައްކަތް ކުރަމުންނެވެ. އެ ކުންފުނީގެ އަމާޒަކީ އިތުރު ބައިނަލްއަގުވާމީ ޕާޓްނަރޝިޕްތައް މެދުވެރިކޮށް ރާއްޖޭގެ ޝިޕިންގ ދާއިރާ އާ އުސްމިންތަކަކަށް ގެންދިއުމެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމްގެ އިތުރުން ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ