ހަނިމާދޫގެ ހުރިހާ ގެއެއްގައި ސޯލާ ޕެނަލް ހަރުކުރަން ކައުންސިލުން ނިންމައިފި

ހދ. ހަނިމާދޫ. ފޮޓޯ: ޒުވާން މަސްވެރިޔާ
ހދ. ހަނިމާދޫ. ފޮޓޯ: ޒުވާން މަސްވެރިޔާ

ހދ. ހަނިމާދޫގެ ހުރިހާ ގެއެއްގައި ސޯލާ ޕެނަލް ހަރުކޮށްދިނުމަށް އެ ރަށު ކައުންސިލުން ނިންމައި، އެކަމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ. މިއީ އެ ރަށު ކައުންސިލްގެ މިހާރުގެ ދައުރުގައި ހިމެނޭ މެމްބަރުންގެ ކެމްޕެއިން ވައުދެކެވެ.

ކައުންސިލް މެމްބަރު އަހުމަދު އަނާން ވިދާޅުވި ގޮތުގައި، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމީ ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކޮށް، އާންމުންގެ ޖީބަށް ބަރުވާ ކަރަންޓު ބިލްތަކަށް ލުޔެއް ހޯދައިދިނުމަށެވެ. މި މަސައްކަތުގެ ދަށުން ކޮންމެ ގެއެއްގައި ތިން ކިލޯ ވޮޓްގެ ސޯލާ ޕެނަލް ހަރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއަށް ގާތްގަނޑަކަށް 12 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭއިރު، މީގެ ތެރޭގައި ސޯލާ ޕެނަލްތަކާއި އިންވާޓަރުތައް ހިމެނެ އެވެ. މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ފިޔަވައްސަކަށް ބަހާލައިގެންނެވެ. ކައުންސިލްގެ އަމާޒަކީ މި ހިނގާ ދައުރުގެ ތެރޭގައި ފުރަތަމަ ދެ ފިޔަވަހީގެ މަސައްކަތް ނިންމާލުމެވެ.

މި މަޝްރޫއުގެ ދަށުން ސޯލާ ޕެނަލް ހަރުކުރުމަށް ބޭނުންވާ ހުރިހާ ހަރަދެއް ފުރަތަމަ ކުރާނީ ކައުންސިލުންނެވެ. ނަމަވެސް، އޭގެ ފަހުން އެ ހަރަދުގެ ވަކި މިންވަރެއް އިންސްޓޯލްމަންޓް އުސޫލުން ގޭބިސީތަކުން ކައުންސިލަށް ދައްކަން ޖެހޭނެ އެވެ. ބާކީ ބައި ކައުންސިލުން ސަބްސިޑައިޒް ކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ހަނިމާދޫގައި 500 އަށް ވުރެ ގިނަ ގެ ހުންނައިރު، މި މަޝްރޫއުގެ ސަބަބުން ރަށުގެ ގިނަ އާއިލާތަކަކަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ކައުންސިލުން އުއްމީދު ކުރެ އެވެ. މިހާރު ކުރިއަށް ދަނީ މި މަސައްކަތުގެ ސާވޭ ކޮށްދޭނެ ބަޔަކު ހޯދުމުގެ މަރުހަލާ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ