ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތައް ޒަމާނީކޮށް، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން އެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި "އިތާ" ޕޯޓަލް މިއަދު އިފްތިތާޙުކޮށްފިއެވެ. މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ ވުޒާރާގެ ވަޒީރު ޤީލާ ޢަލީއެވެ.
ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ތަރައްޤީކުރި މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ އިޖުތިމާޢީ އެހީތެރިކަމަށް އެދި ހުށަހަޅާ މައްސަލަތަކާއި، ވުޒާރާއިން ބަލަމުންދާ އެކި ބާވަތުގެ މައްސަލަތަކުގެ ލިޔެކިޔުންތައް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމެވެ. މީގެ ސަބަބުން މައްސަލަ ހުށަހަޅާ ހިސާބުން ފެށިގެން އެ މައްސަލައެއް ނިމުމާ ހަމައަށް ކުރަންޖެހޭ އެންމެހައި ކަންކަން އެއް ނިޒާމެއްގެ ތެރެއިން ބެލެހެއްޓި، މަސައްކަތުގެ ދުވެލި ހަލުވިވެގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މި ޕޯޓަލްގެ ސަބަބުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) މެދުވެރިކޮށް މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަށް މުވައްޒަފުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، "އިތާ" ޕޯޓަލްގެ ސަބަބުން ކަރުދާސް ފައިލް ބޭނުންކުރުން ހުއްޓުމަކަށް އައިސް، ރައްޔިތުންގެ ހައްސާސް މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް މަގުފަހިވާނެއެވެ. އަދި ވުޒާރާއިން ކުރިއަށްގެންދާ "ހާލު ކިހިނެއް" އަދި "އިބަމަ" ފަދަ ޕްރޮގްރާމްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބި، އެއް މަޢުލޫމާތެއް ހޯދުމަށް ތަކުރާރުކޮށް ގޭގެއަށް ޒިޔާރަތްކުރަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެއެވެ. މީގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ނުތަނަވަސްކަން ކުޑަވެ، ވުޒާރާގެ ޚިދުމަތްތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.