ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓު ޒަމާނީކޮށް އައު ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، އެ ކުންފުނީގައި 14 އަހަރަށްވުރެ ގިނަ ދުވަހު ބޭނުންކުރި ޑޭޝް-8 މަރުކާގެ ބޯޓެއް އުފެއްދި ކުންފުންޏާ އަނބުރާ ހަވާލުކޮށްފިއެވެ.
މޯލްޑިވިއަނުން ހަވާލުކޮށްފައިވަނީ "ޑީއެޗްސީ-8-300" މަރުކާގެ، ރަޖިސްޓްރީ ނަންބަރު 8Q-IAS (އެމްއެސްއެން 546) ބޯޓެވެ. މި ބޯޓަކީ ވޭތުވެދިޔަ މުއްދަތުގައި 29,000 އަށްވުރެ ގިނަ ފްލައިޓް ގަޑި އަދި 37,000 އަށްވުރެ ގިނަ ސައިކަލް ފުރިހަމަކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުވެރިން އުފުލުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ އުޅަނދެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.
ކުންފުނީގެ ފްލީޓް އައު ކުރުމުގެ ސިޔާސަތުގެ ދަށުން، މިހާރު ބޭނުންކުރަމުންދާ ޑޭޝް-8 ބޯޓުތަކުގެ ބަދަލުގައި އައު ޖީލުގެ އޭޓީއާރް މަރުކާގެ ބޯޓުތައް ތައާރަފުކުރަން ވަނީ ފަށާފައެވެ. މިއީ ދަތުރުވެރިންނަށް ފަސޭހަ، އިތުބާރު ހުރި އަދި ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ބޯޓުތަކެއް ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މި ބޯޓު ކެނެޑާއަށް ފުރާފައިވާއިރު، މިއީ ބޯޓު އުފެއްދިތާ 26 އަހަރު ފަހުން އޭގެ އަސްލު އުފެއްދުންތެރިޔާ ކަމަށްވާ "ޑި ހަވިލޭންޑް ކެނެޑާ" އާ ހަވާލުކުރުމަށް ކުރާ ދަތުރެކެވެ. މޯލްޑިވިއަންގެ ފްލީޓުގައި މިހާރު ޖުމްލަ 26 މަތިންދާބޯޓު ހިމެނެއެވެ. އޭގެ ތެރޭގައި އޭޓީއާރްގެ ފަސް ބޯޓާއި، އެއާބަސް އޭ330 އަދި އޭ320 ގެ ބޯޓުތަކުގެ އިތުރުން ޑޭޝް މަރުކާގެ އަށް ބޯޓާއި 11 ސީޕްލޭން ހިމެނެއެވެ.