މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، މިއަހަރުގެ ތެރޭގައި މަދުވެގެން ދެ އިމާރާތެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މާލޭގެ ތޮއްޖެހުމާއި އުޅަނދުތައް އިތުރުވުމުގެ މައްސަލައަކީ ވަގުތީ ހައްލެއް ގެނެސްގެން ނިމޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، މި މަސައްކަތް ބޭރުގެ އެހީގައި ކުރެވޭތޯ ކުރިން ބެއްލެވި ނަމަވެސް، އިތުރަށް މަޑުނުކޮށް ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހުޅުމާލޭގައި ވެސް ތިން ހަތަރު އިމާރާތެއްގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މާލޭގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމި، އަންނަ ހަފުތާގައި އެ ސަރަހައްދު ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މި ފިޔަވަހީގެ ދަށުން އިއްޒުއްދީން ފާލަމުން ފެށިގެން ނަސަންދުރާއާ ހަމައަށް މަގު ހަދައި ނިމުމުން، އެ ސަރަހައްދުގައި 500 ސައިކަލު ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މި ބަދަލުތަކުގެ ސަބަބުން މާލޭގެ އެތެރޭގެ މަގުތަކުގެ ތޮއްޖެހުމަށް ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާރު ނިމިފައިވާ ސަރަހައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަލާއިރު، މި މަސައްކަތުގެ ފައިދާ މުޅި މާލޭގެ ދަތުރުފަތުރަށް ކުރާނެކަން ސާބިތުވެއެވެ.