މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކޮށް ނިންމައި، އަންނަ ހަފުތާގެ ތެރޭގައި އެ ސަރަހައްދު އާންމު ޓްރެފިކަށް ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓްގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރައާ ހަމައަށް އޮތް ސަރަހައްދުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މި ސަރަހައްދު ހުޅުވާލުމާއެކު، މާލޭގެ އެންމެ ބާރުބޮޑު އެއް ސަރަހައްދު ކަމަށްވާ މާރުކޭޓު ސަރަހައްދުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަލަށް ތަރައްގީކުރި މި ބައިގައި 500 ސައިކަލަށް ޕާކު ކުރެވޭނެ ހާއްސަ ޕާކިން ފެސިލިޓީއެއް ވަނީ ގާއިމުކޮށްފައެވެ. ރައީސް ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ބޮޑުތަކުރުފާނު މަގު ބޭނުންކުރާ ފަރާތްތަކުގެ އިތުރުން، ވަށައިގެންވާ އެހެން މަގތަކުގެ ތޮއްޖެހުން ވެސް ކުޑަވެފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ފަޅުގެ އޮޕަރޭޝަންތަކަށް ބުރޫ ނާރާނެ ގޮތަށް، ތިން ފަރާތުން އެއްގަމު ތޮށިލައިގެން ކަމަށްވެސް ވިދާޅުވިއެވެ.
މި ފިޔަވަހީގެ މަސައްކަތް ނިމުމުން، ދެން ފެށުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފެށިގެން ރަސްފަންނާ ހަމައަށް އޮތް ބައި ތަރައްގީ ކުރުމުގެ މަސައްކަތެވެ. ރައީސް ސިފަކުރެއްވި ގޮތުގައި އެއީ ބޮޑުތަކުރުފާނު މަގުގެ އެންމެ ބޮޑަށް ހަލާކުވެފައިވާ ސަރަހައްދެވެ.
ޖުމްލަ 830 މީޓަރުގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. މި މަޝްރޫއުގެ ދަށުން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމާއި، ޒަމާނީ ފެންހިންދާ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ. ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ހުޅުވާލާނެ ކަމަށް ބެލެވެނީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތާ ދިމާކޮށެވެ.