މުޅި ރާއްޖެއަށް ހަމަހަމަ ތަރައްޤީ ގެނައުމަކީ ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތު: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ތަރައްޤީގެ ސިޔާސަތުތައް ބައްޓަންކުރާނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހަމަހަމަ އަދި ދެމެހެއްޓެނިވި ކުރިއެރުން ލިބޭނެ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މެދުގައި ހުރި ތަފާތުތައް ނައްތާލައި، މާލެއަށް ހިޖުރަކުރަންޖެހޭ ސަބަބުތައް މަދުކުރުން ކަމަށެވެ. މާލޭގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލަތަކަކީ ގިނަ އަހަރުތަކެއް ވަންދެން އެއް ސަރަހައްދަކަށް ތަރައްޤީ ޖަމާކުރުމުގެ ނަތީޖާކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ މިކަމަށް ބޭނުންވަނީ ވަގުތީ ފިޔަވަޅުތަކެއްގެ ބަދަލުގައި ދާއިމީ ހައްލެއް ކަމަށެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ތަރައްޤީ ގެނައުމަށްޓަކައި، ރާއްޖޭގެ އުތުރާއި ދެކުނުގައި "އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯން" ތަކެއް ކަނޑައަޅައި، ބޮޑެތި އާބަން ސެންޓަރުތަކެއް އުފެއްދުމަށް ސަރުކާރުން ވަނީ ރާވާފައެވެ. މި ސެންޓަރުތަކުން މާލެއާ އެއްފެންވަރެއްގެ ސިއްޙީ ޚިދުމަތާއި، ތަޢުލީމާއި، ބޯހިޔާވަހިކަމުގެ އިތުރުން ވަޒީފާގެ ފުރުޞަތުތައް ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ގްރޭޓަރ މާލެ ސަރަހައްދުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ޕާކިންގ ފެސިލިޓީތައް ބިނާކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، އުޅަނދުތައް ލިމިޓްކުރުން ފަދަ ފިޔަވަޅުތަކަކީ މައްސަލައިގެ އަސްލު ސަބަބަށް ހައްލެއް ނުހޯދައި ދާއިމީ ނަތީޖާއެއް ނުކުންނާނެ ކަންކަން ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ފަށާފައިވާ "ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ ސްކީމް" ގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. މި ސްކީމުގެ ސަބަބުން ކުދި ވިޔަފާރިތަކަށް އެހީތެރިކަން ލިބި، މުޅި ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް ވަރުގަދަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ