ރާއްޖޭގައި މިޔަރުގެ ދިރާސާތައް ކުރުމަށް ޚާއްޞަކޮށްގެން ގާއިމުކުރި ފުރަތަމަ މަރުކަޒު، "ޝާކް ރިސާޗް އެންޑް ކޮންޒަވޭޝަން ހަބް" ފުވައްމުލަކު ސިޓީގައި ރަސްމީކޮށް ހުޅުވައިފިއެވެ. މި މަރުކަޒު ހުޅުވައިދެއްވީ ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގެވެ.
މި މަރުކަޒަކީ "ދަ މިޔަރު ޕްރޮގްރާމް" ކިޔާ އަމިއްލަ ޖަމިއްޔާއަކުން އިސްނަގައިގެން، މިޔަރުގެ ބާވަތްތައް ދިރާސާކުރުމަށާއި ކަނޑުގެ ދިރުންތަކާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި އުފެއްދި ތަނެކެވެ. 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު އުފެދުނު މި ޖަމިއްޔާއަކީ ދިވެހި އަދި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ރާއްޖޭގެ ކަނޑުފަޅުތަކުގައިވާ މިޔަރުގެ ބާވަތްތައް ދިރާސާކޮށް، އެތަކެތި ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ވަކާލާތު ކުރަމުންދާ ފަރާތެކެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި ހަބުގެ މައިގަނޑު ބޭނުމަކީ ސައިންސްވެރިންނާއި ތިމާވެށި ރައްކާތެރިކުރާ ފަރާތްތަކުގެ އިތުރުން އާންމު މުޖުތަމައާ ގުޅިގެން މިޔަރު ހިމާޔަތްކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.
ފުވައްމުލަކަކީ ރާއްޖޭގެ އެހެން ސަރަހައްދުތަކުން މަދުން ނޫނީ ނުފެންނަ މިޔަރާއި މަޑީގެ ހާއްސަ ބާވަތްތައް ފެންނަ، ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. މިގޮތުން، ކޮންމެ މަހަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން މިޔަރުތަކާއެކު ޑައިވްކުރުމަށް އެ ސިޓީއަށް ޒިޔާރަތްކުރެއެވެ. ފުވައްމުލަކު ސިޓީއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މިޔަރުގެ މަންޒިލަކަށް ހެދުމަށްޓަކައި ކައުންސިލާއި ޑައިވިން ސެންޓަރުތަކުން އަންނަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.
މި މަސައްކަތްތަކުގެ ކާމިޔާބީގެ ރަމްޒެއްގެ ގޮތުން، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭޝިއާގެ އެންމެ ބޮޑު ޑައިވިން އެކްސްޕޯގައި ފުވައްމުލަކަށް ވަނީ 'ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން' އެވޯޑު ލިބިފައެވެ.