ރާއްޖޭގެ އުމްރާނީ ތަރައްގީގައި ޗައިނާއަކީ މުހިންމު ބައިވެރިއެއް ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް މުއިއްޒު، ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވަނީ. ފޮޓޯ: ޝިންހުއާ
ރައީސް މުއިއްޒު، ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވަނީ. ފޮޓޯ: ޝިންހުއާ

ދިވެހިރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގައި ޗައިނާ ސަރުކާރަކީ އެންމެ މުހިންމު އެއް ބައިވެރިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި، ދިވެހި ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި އެއްބާރުލުންދޭ ކޮންމެ ގައުމަކާ އެކުވެސް ރާއްޖެއިން ގާތް ގުޅުމެއް ބާއްވާނެއެވެ. މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ދިވެހިންނަށް އިސްކަންދިނުން ކަން ފާހަގަކުރައްވަމުން، ޗައިނާއަކީ ހާއްސަކޮށް އުމްރާނީ ތަރައްގީއާއި ބޯހިޔާވަހިކަމުގެ ދާއިރާއިން ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދޭ، އިތުބާރު ކުރެވޭ ގައުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ ބޮޑު މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ މަޝްރޫއުގެ އަމަލީ މަސައްކަތް އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށެވެ. މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ސްޓޯމްވޯޓާ ޑްރައިނޭޖް ނިޒާމާއި، އަލިފާން ނިއްވުމަށް ބޭނުންކުރާ ފަޔާ ހައިޑްރަންޓް ނިޒާމު ފަދަ މުހިންމު ވަސީލަތްތައް ގާއިމުކުރެވޭނެއެވެ.

މާލޭގެ މަގުތައް ހެދުމުގެ މި މަޝްރޫއަކީ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ހަމަޖެހިގެންދިޔަ ކަމެކެވެ. މިފަދަ މަޝްރޫއުތަކުގެ ފީސިބިލިޓީ ސްޓަޑީތަކާއި ޑިޒައިން ކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ ޗައިނާގެ ކަމާބެހޭ އުސޫލުތަކުގެ ތެރެއިން ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ