މާލޭގެ ބޭރުމަގު ތަރައްގީކުރުން: އެމްޕީއެލް އިން ރަސްފަންނާ ހަމައަށް އޮތް ސަރަހައްދުގެ މަސައްކަތް ފަށަނީ

މާލޭގެ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ރައީސް ބައްލަވާލައްވަނީ. ފޮޓޯ: ރައީސް އޮފީސް
މާލޭގެ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ރައީސް ބައްލަވާލައްވަނީ. ފޮޓޯ: ރައީސް އޮފީސް

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ ނޯތު ހާބަރުން ފެށިގެން ރަސްފަންނާ ދެމެދު އޮތް ސަރަހައްދުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ދަ ޕަލްސް" ޕޮޑްކާސްޓްގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޭރުމަގު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް އޮތް ސަރަހައްދުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ތައްޔާރުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ބެލެވޭ ގޮތުގައި މި ބައި ހުޅުވާލާނީ ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށެވެ.

މިހާރު ކުރިއަށްދާ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު، އެމްޕީއެލް ސަރަހައްދުން ފެށިގެން ރަސްފަންނާ ހަމައަށް އޮތް ބައިގެ މަސައްކަތް ފަށާނެއެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ސަރަހައްދަކީ މިހާރު ބޭރުމަގުގައި އެންމެ ބޮޑަށް ހަލާކުވެފައި އޮތް ސަރަހައްދެވެ. އެހެންކަމުން އެ ބައި ތަރައްގީކޮށް ނިމުމުން، މާލޭގެ ބާޒާރުމައްޗަށާއި ވިޔަފާރި ސަރަހައްދުތަކަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލަތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މާލޭގެ އެތެރޭގެ މަގުތަކަށް ބާރުބޮޑުވާ މިންވަރު ވެސް މި ބަދަލާއެކު ކުޑަވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ މާލޭގެ އެންމެ ބާރުބޮޑު އެއް މަގު ފުޅާކޮށް، ޒަމާނީ ފެންހިންދާ ނިޒާމެއް ގާއިމުކުރުމަށް ހިންގާ މުހިންމު މަސައްކަތެކެވެ. 2025 ވަނަ އަހަރުގެ އޮގަސްޓް މަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ ސަރަހައްދެއް ތަރައްގީކުރުމާއި، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުން ހިމެނެއެވެ. މި މަސައްކަތް އެއްކޮށް ނިމުމުން މާލޭގެ ޓްރެފިކް ފްލޯ ރަނގަޅުވެ، ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ