ރާއްޖެއަށް ބޭނުންވާ ބޭސް ދުރާލާ ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރަނީ

ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުގެ އެމްޑީ ޑރ. ޝާހު މާހިރު. ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު
ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުގެ އެމްޑީ ޑރ. ޝާހު މާހިރު. ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ބޭހުގެ ބާވަތްތަކާއި އޭގެ މިންވަރު ދުރާލާ ދެނެގަނެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުން ފަށައިފިއެވެ. މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ބޭސް ލިބުމުގައި ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ އެނގުމަކީ ބޭސް ހުސްވުމުގެ މައްސަލަ ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. މިގޮތުން، އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް (އީއާރުޕީ) ސިސްޓަމަކާއި އީ-ލޮޖިސްޓިކްސް ސިސްޓަމެއް ގާއިމުކުރުމުގެ ފުރަތަމަ ފިޔަވަހި މިހާރު ވަނީ ނިމިފައެވެ. މި ނިޒާމުގެ އެހީގައި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ބޭސް ހުރި މިންވަރު ވަގުތުން ބަލައިލެވޭނެއެވެ.

ޑރ. ޝާހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ސިސްޓަމް މެދުވެރިކޮށް ކުދި އާބާދީތަކުގައި ދިރިއުޅޭ ބަލިމީހުންނަށް ބޭނުންވާ ބޭސްތައް، މިސާލަކަށް ހަކުރުބަލީގެ ބޭސް ފަދަ ތަކެތި، މެދުނުކެނޑި ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެއެވެ. އަދި އާންމުންނަށް ހާއްސަ ޕޯޓަލެއް މެދުވެރިކޮށް، ބޭނުންވާ ބޭސް ލިބެން ހުރި ފާމަސީތައް އަމިއްލައަށް ބަލައިލުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. މި މުޅި ނިޒާމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް އުންމީދުކުރެވެއެވެ.

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނަކީ ބޭހާއި މެޑިކަލް އިކުއިޕްމަންޓްތައް ގަނޑުކޮށް ގަނެ، ރާއްޖެއަށް އެތެރެކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އުފެއްދި ކުންފުންޏެކެވެ. ކުރިން އެސްޓީއޯގެ ދަށުން ހިންގަމުން އައި ފާމަސީތައް މިހާރު ހިންގަމުންދަނީ މި ކުންފުނީގެ ދަށުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ