ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރަން ތިން މަހުގެ މުހުލަތެއް ދީފި

ފޮޓޯ: ޕީއެސްއެމް
ފޮޓޯ: ޕީއެސްއެމް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުންތެރިކަން އިތުރުކޮށް، މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރުއެޅުމުގެ ގޮތުން، މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.

ޕީސީބީން މިދިޔަ އާދިއްތަ ދުވަހު ކުންފުނިތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް އެ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށެވެ. މިއީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް، ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅެކެވެ.

މި ނިންމުމާ އެއްގޮތަށް ކުންފުނިތަކުން އަމަލުކުރަމުންދާ މިންވަރު ބެލުމަށްޓަކައި، ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު މައުލޫމާތު އަދާހަމަކޮށް ފިނޭންސް މިނިސްޓްރީއަށާއި ޕީސީބީއަށް މެއިލް ކުރުމަށް ވެސް ވަނީ އަންގައިފައެވެ. ޕީސީބީގެ އެންގުންތަކަށް އަމަލުކުރުމަކީ ގާނޫނީ ގޮތުން ކުންފުނިތަކަށް ލާޒިމު ކަމެއްކަން ވެސް އެ ބޯޑުން ވަނީ ހަނދާންކޮށްދީފައެވެ.

މުވައްޒަފުން މަދުކުރުމުގެ މަސައްކަތުގެ ދަށުން، ބައެއް ކުންފުނިތަކުން މިހާރު ވެސް ވަނީ މުވައްޒަފުން އަމިއްލައަށް ވަކިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ޚާއްސަ ޕެކޭޖުތަކެއް ހުށަހަޅަން ފަށައިފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ މުވައްޒަފުން ތިބި ފެނަކަ ކޯޕަރޭޝަނާއި އެޗްޑީސީ ހިމެނެއެވެ.

ދައުލަތުގެ ބަޖެޓުން ރިކަރަންޓް ޚަރަދަށް ބޮޑު ހޭދައެއް ކުރަންޖެހޭއިރު، ސަރުކާރުގެ ގިނަ ކުންފުނިތަކަކީ ގެއްލުމުގައި ހިންގާ ކުންފުނިތަކެއްކަން ފާހަގަކުރެވެއެވެ. މި ފިޔަވަޅަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ފަށާފައިވާ އިސްލާހީ މަސައްކަތްތަކުގެ ބައެކެވެ. މި ބަދަލުތަކާ ގުޅިގެން ސަރުކާރުގެ ވުޒާރާތަކުގެ އަދަދު ވެސް ވަނީ 20 އިން 15 އަށް މަދުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ