ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުތުބުޚާނާ ގާއިމުކުރުމުގެ މަޝްރޫއެއް ފަށައިފި

ޤައުމީ ކުތުބުހާނާ
ޤައުމީ ކުތުބުހާނާ

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުތުބުހާނާގެ ޚިދުމަތް ގާއިމުކުރުމުގެ ބޮޑު މަޝްރޫއެއް ސަރުކާރުން ފަށައިފިއެވެ.

މި މަޝްރޫއަކީ އާންމު ރައްޔިތުންނަށް ފޮތްތަކާއި މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމު މުޅި ރާއްޖޭގައި ހަމަޖެއްސުމަށްޓަކައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝުކުރުﷲ ޝަކީލް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ދިރިއުޅޭ ރަށަކުން، އެ ރަށަކާ އެކަށީގެންވާ ފެންވަރެއްގެ ކުތުބުޚާނާގެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ބާރުމިނުގައި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ކުތުބުޚާނާ އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.

މި މަޝްރޫއާ ގުޅޭގޮތުން ގައުމީ ކުތުބުޚާނާގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝިހާމް ވިދާޅުވީ، ކުތުބުޚާނާގެ ޚިދުމަތް ތަރައްގީކުރުމަށްޓަކައި 100 އަށްވުރެ ގިނަ ފަރާތްތަކާ މަޝްވަރާކޮށް، ގައުމީ އޮނިގަނޑެއް އެކުލަވާލާފައިވާ ކަމަށެވެ. ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ކުރިއަށްގެންދިޔަ ދިރާސާތަކުން، ރައްޔިތުން މިފަދަ ޚިދުމަތަކަށް އިންތިހާއަށް ބޭނުންވެފައިވާކަން ހާމަވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ދިރާސާގެ އަލީގައި، ރަށްރަށުގެ އާބާދީއާއި ބޭނުންތަކަށް ރިއާޔަތްކޮށް އެކި ފަންތީގެ ކުތުބުޚާނާ މޮޑެލްތަކެއް ވަނީ ފަރުމާކުރެވިފައެވެ.

މީގެ އިތުރުން، ގައުމީ ކުތުބުޚާނާގެ 81 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން "އޮންލައިން ޑިޖިޓަލް ރިޕޯޓް ކަލެކްޝަން" އެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. މިއީ ސަރުކާރުގެ އެކި އިދާރާތަކާއި ޖަމިއްޔާތަކުން ނެރޭ ރިޕޯޓުތައް އެއްތަނަކުން ފަސޭހަކަމާއެކު ކިޔާލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޑިޖިޓަލް މަންސައެކެވެ. މި މަސައްކަތްތަކާއެކު ރާއްޖޭގެ ފޮތްކިޔުމުގެ ސަގާފަތް އާލާވެ، މައުލޫމާތު މުއްސަނދި މުޖުތަމައެއް ބިނާކުރުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ