ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރާއްޖެއިން އަނެއްކާވެސް ގޮވާލައިފި

މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި "ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް". ފޮޓޯ: ފޮރިން މިނިސްޓްރީ
މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި "ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް". ފޮޓޯ: ފޮރިން މިނިސްޓްރީ

މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި "ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް" ގައި ވާހަކަދައްކަވަމުން، ފަލަސްތީނަކީ މިނިވަން އަދި މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަތުމަށް ދިވެހިރާއްޖެއިން އަނެއްކާވެސް ގޮވާލައިފިއެވެ.

މި ކޮންފަރެންސަކީ އދ. ގެ ފަލަސްތީނު ރައްޔިތުންގެ ހައްގުތަކާ ބެހޭ ކޮމިޓީ (ސީއީއައިއާރްޕީޕީ) އާއި އޯއައިސީ ގުޅިގެން ބޭއްވި މުހިންމު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން ތަގުރީރު ކުރެއްވީ ސައޫދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި އޯއައިސީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަހުމަދު ސަރީރެވެ. ސަފީރުގެ ވާހަކަފުޅުގައި، އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ފަލަސްތީނުގެ ބިންތައް ފޭރެމުންދާ ދިއުން ވަގުތުން ހުއްޓާލުމަށް ބާރުއެޅުއްވިއެވެ. އަދި ބައިނަލްއަގުވާމީ އަދުލު އިންސާފާ ބެހޭ ކޯޓުގެ ނިންމުންތަކަށް އިހުތިރާމް ކުރުމަށްވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ އެޖެންސީ (އަންރުވާ) އިން ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ރާއްޖެއިން ވަނީ ތައުރީފުކޮށްފައެވެ. އެ އެޖެންސީއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި ބައިނަލްއަގުވާމީ އެހީތެރިކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ގުދުސްގެ މުގައްދަސް ބިންތަކުގެ ހައިސިއްޔަތު ހިމާޔަތްކުރެވޭނީ އިސްރާއީލުގެ އިސްތިއުމާރު ނިމުމަކަށް ގެނެސްގެން ކަމަށް ރާއްޖޭގެ މަންދޫބު ވިދާޅުވިއެވެ.

ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުންދަނީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން ދައުލަތެއް ގާއިމުކުރުމަށެވެ. ސީއީއައިއާރްޕީޕީ އަކީ 1975 ވަނަ އަހަރުން ފެށިގެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް މަސައްކަތްކުރާ ކޮމިޓީއެކެވެ. ރާއްޖެއަކީ ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގުވާމީ މައިދާނުގައި އެންމެ ބާރަށް އަޑުއުފުލާ އެއް ގައުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ