ބޭންކުތަކުގެ ފައިދާ އިތުރުވެ، ދައުލަތަށް ދެއްކި ޓެކްސް 14.6 އިންސައްތަ މައްޗަށް

MMA

ރާއްޖޭގެ ބޭންކުތަކަށް ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެން، މިއަހަރުގެ މޭ މަހުގެ ނިޔަލަށް ބޭންކުތަކުން އާމްދަނީގެ ޓެކްސްގެ ގޮތުގައި ދައުލަތަށް ދެއްކި ފައިސާގެ އަދަދު 14.6 އިންސައްތަ އިތުރުވެފައިވާކަން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން މަހަކު އެއްފަހަރު އާންމުކުރާ މާލީ ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް، ޓެކްސް އުނިކުރުމުގެ ކުރިން ބޭންކުތަކަށް ޖުމްލަ 2.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. ބޭންކުތަކަށް ލިބުނު އާމްދަނީގެ ތެރޭގައި ހިމެނެނީ އިންޓަރެސްޓުގެ ގޮތުގައި ލިބުނު 2.9 ބިލިއަން ރުފިޔާއާއި، އިންޓަރެސްޓު ނޫން އެހެނިހެން ގޮތްގޮތުން ލިބުނު 1.5 ބިލިއަން ރުފިޔާއެވެ.

ޓެކްސްގެ ގޮތުގައި ދެއްކި އަދަދުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ބޭންކުތަކުން 610.9 މިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދައްކައެވެ. ނަމަވެސް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަހުގެ ނިޔަލަށް ބޭންކުތަކުން ވަނީ 775.8 މިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ދައްކާފައެވެ. މިދިޔަ އަހަރުގެ މޭ މަހުގެ ނިޔަލަށް ބޭންކުތަކުން ދައްކާފައިވަނީ 532.7 މިލިއަން ރުފިޔާއެވެ.

އިގުތިސާދީ މާހިރުން ފާހަގަކުރައްވާ ގޮތުގައި ބޭންކުތަކުގެ އާމްދަނީއާއި ފައިދާ އިތުރުވުމަކީ ގައުމުގެ އިގުތިސާދީ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށްދާކަމުގެ ހެކިދޭ ކަމެކެވެ. ބޭންކުތަކުން ދައްކަންޖެހޭ ޓެކްސް އިތުރުވީ، ހަރަދުތައް އުނިކުރުމަށްފަހު ލިބޭ ސާފު ފައިދާ ނުވަތަ ނެޓް އިންކަމް މަތިވުމުގެ ސަބަބުންނެވެ. މި މުއްދަތުގައި ބޭންކުތަކުގެ ހަރަދުގެ ގޮތުގައި ހިނގާފައިވަނީ 2.1 ބިލިއަން ރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ