އީރާނާއެކު ވެފައިވާ އެއްބަސްވުންތަކާ އެމެރިކާއިން ތަކުރާރުކޮށް ޚިލާފުވަމުންދާތީ، އެމެރިކާގެ ރައީސްގެ ސޮޔަކީ އެއްވެސް ބުރަދަނެއް ނުވަތަ އަގެއް ހުރި އެއްޗެއް ނޫން ކަމަށް އީރާނުގެ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ.
އިރާނުގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ، އެމެރިކާގެ އަމަލުތަކުން އެ ގައުމުގެ މަކަރުވެރިކަމާއި އިތުބާރު ނުކުރެވޭ މިންވަރު މުޅި ދުނިޔެއަށް ހާމަވެފައިވާ ކަމަށެވެ. މިއީ މިއަހަރުގެ މާޗު މަހު އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އެމެރިކާގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ އޭނާ ނެރުއްވި އެންމެ ހަރުކަށި ބަޔާނެވެ.
މި ބަޔާން ނެރުއްވާފައި މިވަނީ، ހަނގުރާމަ ހުއްޓާލުމަށްޓަކައި މީގެ މަހެއްހާ ދުވަސް ކުރިން ދެ ގައުމުގެ ދެމެދުގައި ސޮއިކުރި ވަގުތީ އެއްބަސްވުމަށް އަމަލުކުރުން އީރާނުން ހުއްޓާލާފައިވާ ދަނޑިވަޅެއްގައެވެ. ޚާމަނާއީ ފާހަގަކުރެއްވި ގޮތުގައި، ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެއްބަސްވުންތަކާ ޚިލާފުވުމަކީ އެމެރިކާއަށް އިތުބާރު ނުކުރެވޭނެކަމުގެ ސާފު ހެއްކެކެވެ. ޖޫން މަހުގެ ފަހުކޮޅު ހޮރުމުޒް ކަނޑުއޮޅީގައި ހިނގި ހާދިސާތަކަށްފަހު ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އެމެރިކާގެ އަސްކަރީ ހަރަކާތްތަކަށް ރައްދުދޭނެ ކަމުގެ އިންޒާރު ދެއްވަމުން، އީރާނުގެ ރައްޔިތުންގެ ކިބައިގައި އެމެރިކާއަށް ފިލާވަޅެއް ދަސްކޮށްދޭނެ ހިތްވަރު އެބަހުރި ކަމަށް ޚާމަނާއީ ވިދާޅުވިއެވެ. އަދި ގައުމުގެ އެތެރޭގެ މަސްރަހުގައި އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، ސިޔާސީ ދެބަސްވުންތަކުން ދުރުހެލިވުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ. މިހާރު ދެ ގައުމުގެ ދެމެދުގައި އަސްކަރީ ހަމަލާތައް ބަދަލުކުރަމުންދާއިރު، ރަސްމީ ސިފައެއްގައި އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.