އެންޓިބަޔޮޓިކަށް ނުގުޑާ މައްސަލަ ހައްލުކުރުމަށް ހުރިހާ ރޭންޖެއްގެ ބޭސް ހޯދުމުގެ މަސައްކަތް ފަށައިފި

c3f90c9c-b0ed-4cfd-861d-22cdcc0f360b

ދުނިޔެއަށް ދިމާވެފައިވާ އެންޓިބަޔޮޓިކަށް ނުގުޑާ މައްސަލަ ނުވަތަ "އެންޓިބަޔޮޓިކް ރެސިސްޓެންސް" އަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ރާއްޖޭގައި ހުރިހާ ރޭންޖެއްގެ އެންޓިބަޔޮޓިކް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) އިން ފަށައިފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ، އެންޓިބަޔޮޓިކަށް ނުގުޑާ މައްސަލައަކީ މުޅި ދުނިޔޭގައި ވެސް މިވަގުތު އޮތް އެންމެ ބޮޑު އެއް ސިއްހީ ކަންބޮޑުވުން ކަމަށެވެ. މިކަން ހައްލުކުރުމަށްޓަކައި ސިއްހީ ދާއިރާގެ ހުރިހާ ސްޓޭކް ހޯލްޑަރުންނާ ގުޅިގެން ގިނަ ޓެކްނިކަލް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. ޝާހު ވިދާޅުވި ގޮތުގައި، ބަލިމީހުންނަށް ފަރުވާ ދިނުމުގައި ފުރަތަމަ މަރުހަލާގެ އެންޓިބަޔޮޓިކް (ފަސްޓް ލައިން) ދިނުމަށްފަހު، އެއަށް ބަލިމީހާ ނުގުޑާ ނަމަ ދެން ބޭނުންކުރަންޖެހޭ ދެވަނަ މަރުހަލާގެ (ސެކަންޑް ލައިން) ބޭސްތައް ވެސް ރާއްޖޭގެ ސްޓޮކްގައި ހުންނަންޖެހެއެވެ. މިގޮތަށް މުޅި ރޭންޖުގެ ބޭސް ލިބެން ހުރުމުން، ބަލިމީހުން ފަސޭހަވުން އަވަސްވެ، ރާއްޖޭގައި ބޭހަށް ނުގުޑާ މިންވަރު މަދުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބޭހުގެ ލިސްޓުގައި ހިމެނޭ 1،200 އެއްހާ ބޭސް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ކުންފުނީގެ އެންމެ ބޮޑު އިސްކަމެވެ. އަދި ޑޮކްޓަރުން އާންމުކޮށް ލިޔެދޭ ބޭސްތައް ދެނެގަނެ، "އެޕްރޫވްޑް ޑްރަގް" ލިސްޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މީގެ ބޭނުމަކީ ރަށްރަށުގެ އާބާދީތަކަށް ބޭނުންވާ ބޭސްތައް ދުރާލާ ދެނެގަނެ، ބޭސް ހުސްނުވެ ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމެވެ.

އެސްޓީއޯގެ ދަށުން ހިންގަމުންދިޔަ ހުރިހާ ބޭސްފިހާރަތަކެއް މިހާރު ވަނީ ސްޓޭޓް ފާމާގެ ދަށަށް ބަދަލުކޮށްފައެވެ. މި ބަދަލާއެކު، ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސްގެ އިތުރުން މެޑިކަލް އިކުއިޕްމަންޓްތައް ގަނޑުކޮށް ގަނެ، މުޅި ރާއްޖޭގައި ބޭހުގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ އެ ކުންފުނީގެ މައިގަނޑު އަމާޒެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ