މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރި ގައުމަކަށް ޗައިނާ ވެފައިވާކަން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި މާލީ އަދި އިގުތިސާދީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރަމުން އައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން މުދާ އިމްޕޯޓުކުރި މިންވަރު ވަނީ މި މުއްދަތުގައި ބޮޑުތަނުން ދަށަށް ގޮސްފައެވެ.
އެމްއެމްއޭގެ ހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ޔޫއޭއީން ރާއްޖެއަށް އެތެރެކޮށްފައިވަނީ 188.3 މިލިއަން ޑޮލަރުގެ މުދަލެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި އެ ގައުމުން އެތެރެކުރި 356.2 މިލިއަން ޑޮލަރުގެ މުދަލާ އަޅާބަލާއިރު 47.1 އިންސައްތައިގެ ދަށްވުމެކެވެ.
ޔޫއޭއީން މުދާ އެތެރެކުރާ މިންވަރު ދަށަށް ދިޔަ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ހޮރްމުޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ކަނޑުމަގުން މުދާ ގެނައުމަށް ކުރިމަތިވި ހުރަސްތަކެވެ.
ޗައިނާއިން ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 28.1 އިންސައްތަ އިތުރުވެފައެވެ. މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެ ގައުމުން 267.4 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެތެރެކޮށްފައިވަނީ 208.7 މިލިއަން ޑޮލަރުގެ މުދަލެވެ. ޗައިނާއިން އެތެރެކުރާ މުދާ އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އަމަލުކުރަން ފެށި މިނިވަން ވިޔަފާރީގެ އެއްބަސްވުމެވެ.
މި މުއްދަތުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން 245 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓުގައިވެއެވެ. ޗައިނާއާއެކު އޮތް ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ގިނަ ބާވަތްތަކެއްގެ މުދާ ޑިއުޓީއާ ނުލައި އެތެރެކުރެވޭއިރު، ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ވެސް ޑިއުޓީއާ ނުލައި ޗައިނާއަށް އެކްސްޕޯޓު ކުރުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ވަނީ ހުޅުވިފައެވެ.