މަރާމާތަށްފަހު މާފަންނު ފުޓްސަލް ދަނޑު އަލުން ހުޅުވައިފި

މާފަންނު ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މާފަންނު ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ސްޕޯރޓްސް މިނިސްޓްރީ

މާފަންނު ފުޓްސަލް ދަނޑު މަރާމާތުކުރުމުގެ މަސައްކަތް ނިންމައި، އެ ދަނޑު މިއަދު ރަސްމީކޮށް އަލުން ހުޅުވައިފިއެވެ. މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ދަނޑު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިއުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިއު ވިދާޅުވީ، މާލެ ސަރަޙައްދުގައި ހުރި ފުޓްސަލް ދަނޑުތަކަކީ ގިނަ އަދަދެއްގެ ޒުވާނުން ބޭނުންކުރާ ތަންތަން ކަމަށްވާތީ، އެ ތަންތަން ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި މިފަދަ ވަސީލަތްތައް ގިނަ ދުވަހަށް ދެމެހެއްޓުމަށްޓަކައި، ދަނޑު ބޭނުންކުރާ ފަރާތްތަކުގެ ފަރުދީ ޒިންމާ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މާފަންނު ފުޓްސަލް ދަނޑު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަސައްކަތް ނިންމައި، އެ ކުންފުނިން ދަނޑު މިނިސްޓްރީއާ ޙަވާލުކޮށްފައިވަނީ މި ހިނގާ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ.

މި ރަސްމިއްޔާތުގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހިމާއި، އާރުޑީސީގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ނަޒީމްގެ އިތުރުން މާފަންނުގެ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިއެވެ. ދަނޑު ހުޅުވުމުގެ ގޮތުން ވަޒީރު ވަނީ ބޯޅައެއްގައި ސޮއިކުރައްވައި، ދަނޑުގެ ޙާލަތު ބައްލަވާލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ