ރާއްޖޭގެ 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާއެއްގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވި މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަންއެވެ. މީގެ އިތުރުން، މި މަޝްރޫއު ތަންފީޒުކުރާ އިދާރާގެ ފަރާތުން ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވެސް ވަނީ މި ފަހުމުނާމާގައި ސޮއިކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި މިއީ ޒުވާނުން ބާރުވެރިކުރުވުމަށާއި ރައްޔިތުންގެ ދުޅަހެޔޮކަމަށް ދެ ގައުމުން ދޭ އަހައްމިއްޔަތު ހާމަވާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން ވަސީލަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތަކަށް މި މަޝްރޫއުގެ ސަބަބުން ލުޔެއް ލިބިގެންދާނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ކޮންމެ ރަށެއްގައި ދިރިއުޅުނު ކަމުގައިވީނަމަވެސް، ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ވަސީލަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށް ވެސް ވިދާޅުވިއެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން، ވިޔަފާރިއާއި، ސަލާމަތީ ކަންކަމާއި، ތައުލީމީ ދާއިރާއިން މި ގުޅުން އިތުރަށް ވަރުގަދަވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއަދުގެ އެއްބަސްވުމަކީ ދެ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވަޒީރު ސިފަކުރެއްވިއެވެ.