މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި އެންމެ ކުރީގައި އުޅޭ ޗައިނާ އާއި ރަޝިއާ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 195,363 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ޤައުމުން އައި 170,210 ފަތުރުވެރިންނާ އަޅާބަލާއިރު 14.7 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެއާއެކު، ދެވަނައިގައި އޮތް ރަޝިއާ މާކެޓުން ވެސް ވަނީ 17 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން މިދިޔަ އަހަރު ރަޝިއާއިން 142,899 ފަތުރުވެރިން އައިއިރު، މިއަހަރުގެ މިހާތަނަށް އެ ޤައުމުން 167,314 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.
ޖުމްލަ ފަތުރުވެރިންގެ އަދަދަށް ބަލާއިރު، މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1,173,922 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.7 އިންސައްތައިގެ ދަށްވުމެކެވެ. ނަމަވެސް، ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5,899 އަށްވުރެ ގިނަ ފަތުރުވެރިން އަންނަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ފަތުރުވެރިން ރާއްޖޭގައި މަޑުކުރި ތަންތަނަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ 834,816 ފަތުރުވެރިންނެވެ. މީގެ އިތުރުން ގެސްޓްހައުސްތަކުގައި 262,171 ފަތުރުވެރިން، ހޮޓެލްތަކުގައި 27,523 ފަތުރުވެރިން އަދި ސަފާރީތަކުގައި 22,381 ފަތުރުވެރިން ވަނީ މަޑުކޮށްފައެވެ. ރާއްޖެއަށް ފަތުރުވެރިން އެތެރެވި މައިގަނޑު ދޮރާއްޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓެވެ. އެ އެއާޕޯޓުން 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އެތެރެވިއިރު، ގަން އިންޓަރނޭޝަނަލް އެއާޕޯޓުން 4,355 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ދުނިޔޭގެ ސިޔާސީ މަސްރަޙަށް އަންނަ ބަދަލުތަކާއި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ރާއްޖޭގެ މައިގަނޑު މާކެޓްތަކުން އަންނަނީ ރަނގަޅު ކުރިއެރުމެއް ހޯދަމުންނެވެ.