އާގިލް މަރާލި މައްސަލައިގައި ހަމްދޫން މަރަން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި

އާގިލްގެ މަރުގެ މައްސަލައިގައި ހިމެނޭ މީހުން
އާގިލްގެ މަރުގެ މައްސަލައިގައި ހިމެނޭ މީހުން

މާލޭގެ އެމްއެމްއޭ ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ގދ. ފަރެސްމާތޮޑާ، އިބްރާހީމް އާގިލް މަރާލި މައްސަލައިގައި، ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތު މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، ހަމްދޫންގެ ފަރާތުން ހުށަހެޅި މި އިސްތިއުނާފީ މައްސަލަ އެ ކޯޓުން މިހާރު ވަނީ ބަލައިގަނެ، ރަޖިސްޓްރީކޮށްފައެވެ. ނަމަވެސް މި މައްސަލައިގެ އަޑުއެހުންތައް ފަށާނެ ތާރީޚެއް އެ ކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އުމުރުން 19 އަހަރުގެ އާގިލް މަރާލިކަން ސާބިތުވެ، ހަމްދޫން މަރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ހުކުމް އެގޮތަށް އައީ އާގިލްގެ ވާރިސުންގެ ގޮތުގައި ތިބި އޭނާގެ މަންމަ އާއި ބައްޕަ، ޝަރީއަތުގައި ގިސާސް ހިފަން ބޭނުންވާ ކަމަށް ބުނުމާ ގުޅިގެންނެވެ.

މި މައްސަލައިގައި ދައުލަތުން އިތުރު ދެ މީހެއްގެ މައްޗަށް ވެސް ދައުވާ ކުރިއެވެ. އެއީ ސ. ހިތަދޫ، ސްވޭހުހީނާގޭ އަލީ މިޖުވާދު މާލިކާއި، ހއ. ދިއްދޫ، ސްނޯބޯޑް އިބްރާހިމް ވިޝާމެވެ. ނަމަވެސް، އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ނެތުމުން، ކްރިމިނަލް ކޯޓުން ވަނީ އެ މީހުން ސަލާމަތްކޮށްފައެވެ.

އާގިލް މަރާލާފައިވަނީ 31 އޮގަސްޓު 2018 ވަނަ ދުވަހުގެ ރޭ، ވ. ފެލިދޫން މާލެ އައި ލޯންޗަކުން އޭނާ އެއް ނަމްބަރު ފާލަމަށް ފޭބި ވަގުތުއެވެ. ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މިއީ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެކެވެ. އާގިލަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ އެ ރޭ 20:59 އެހައިކަށްހައިއިރުއެވެ.

މި މައްސަލައިގެ ޝަރީއަތުގައި ހުށަހެޅި ސީސީޓީވީ ފުޓޭޖްތަކުން، ހަމްދޫން ވަޅި ހިފައިގެން އާގިލްގެ ފަހަތުން ދުވި މަންޒަރާއި، ހަމަލާދިނުމަށްފަހު ސައިކަލެއްގެ ފަހަތަށް އަރައިގެން ފިލަން ދިޔަ މަންޒަރު ފެންނަން ހުރި ކަމަށް ހެކިވެރިން ބުނެފައިވެއެވެ. ފުލުހުން ވަނީ މި ހާދިސާގެ މަންޒަރުތައް ޖުމްލަ 20 ސީސީޓީވީ ފުޓޭޖަކުން ނަގައި، ތަހުގީގަށް ބޭނުންކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ