ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފޯރުކޮށްދޭ ބޭންކިން ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމުގެ ގޮތުން، އެ ބޭންކުގެ ކޯ ބޭންކިން ނިޒާމު 'ފިނަސްޓްރާ އެސެންސް' ޕްލެޓްފޯމަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ ބޭންކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި އައު ނިޒާމުގެ ސަބަބުން ބޭންކުން ބާޒާރަށް ނެރޭ އައު އުފެއްދުންތަކާއި ޚިދުމަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން، ކޮންވެންޝަނަލް ބޭންކިން އާއި އިސްލާމިކް ބޭންކިންގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން، މެދުކެނޑުމެއް ނެތި ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގާބިލުކަން ބޭންކަށް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ފިނަސްޓްރާ އެސެންސް އަކީ ބޭންކުގެ ޑިޖިޓަލް ދަތުރުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ބަދަލާއެކު މުޅި ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކަށް ބޭނުންވާ ވަރުގަދަ ބިންގަލެއް އެޅިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފިނަސްޓްރާގެ ފަރާތުން ވާހަކަދައްކަވަމުން އެ ކުންފުނީގެ ޔުނިވާސަލް ބޭންކިންގެ އީވީޕީ ޝަވާން ބައިރަން ވިދާޅުވީ، ރާއްޖޭގެ މާލީ ދާއިރާގެ އެންމެ މުހިންމު އެއް ތަނބު ކަމަށްވާ ބީއެމްއެލްގެ ޚިދުމަތްތައް ޒަމާނީ ކުރުމުގައި ބައިވެރިވުމަކީ ލިބޭ އުފަލެއް ކަމަށެވެ.
މި ނިޒާމު ގާއިމުކުރުމުން ބޭންކަށް ލިބޭނެ ބައެއް ކުރިއެރުންތަކުގެ ތެރޭގައި:
- އޮޓޮމޭޝަންގެ އެހީގައި ބޭންކުގެ މަސައްކަތްތައް ތަރުތީބުވެ، ޚިދުމަތްތައް އަވަސްވުން.
- ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އީޖާދީ ޚިދުމަތްތައް ދިނުމަށް ރިލޭޝަންޝިޕް މެނޭޖަރުންނަށް މަގުފަހިވުން.
- ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވުން.
ބީއެމްއެލް އިން ބުނި ގޮތުގައި ފިނަސްޓްރާ ހޮވީ އެ ކުންފުނީގެ މަސައްކަތުގެ ފެންވަރަށާއި، ބައިނަލްއަގުވާމީ ބާޒާރުގައި އެ ކުންފުންޏަށް އޮތް އިތުބާރަށް ބެލުމަށްފަހުގައެވެ.