އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް 350 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

2025 ވަނަ އަހަރުގެ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުން، ފޮޓޯ: ރައީސުލްޖުމްހުރިއްޔާގެ އޮފީސް
2025 ވަނަ އަހަރުގެ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުން، ފޮޓޯ: ރައީސުލްޖުމްހުރިއްޔާގެ އޮފީސް

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކޮށްގެން މިއަހަރު ބާއްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ގައި ބައިވެރިވުމަށް މިހާތަނަށް 350 އަށްވުރެ ގިނަ ފަރާތުން ފޯމު ހުށަހަޅާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ބީސީސީން ފާހަގަކުރެއެވެ.

މިދިޔަ އަހަރު ބޭއްވި އެކްސްޕޯގައި ބައިވެރިވެފައިވަނީ 240 ފަރާތަކުންނެވެ. މިއަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއްގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެ ތެރޭގައި އުމުރުން 13 އަހަރުން މަތީގެ ދިވެހި ފަރުދުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ތަޢުލީމީ މުއައްސަސާތަކާއި ކައުންސިލްތަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީއެއްވެސް މިއަހަރު ވަނީ ހިމަނާފައެވެ.

ބީސީސީން ބުނި ގޮތުގައި މި މައުރަޒުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ އޯގަސްޓް މަހުގެ 31 ވަނަ ދުވަހެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި "expo.mv" ގެ ނަމުގައި ޚާއްޞަ ޕޯޓަލެއް މިހާރު ވަނީ ތަޢާރަފުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރަކީ އުފެއްދުންތެރިކަމުގެ ޤައުމީ އަހަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާތީ، މިއަހަރުގެ މައުރަޒު ކުރިއަށްވުރެ ފުރިހަމަކޮށް ބޭއްވުމަށް ބީސީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެން ބާއްވާ މި މައުރަޒު އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 23 އިން 31 އަށެވެ. މިއީ ދިވެހި އުފެއްދުންތެރިންގެ ހުނަރުތައް މާކެޓުކޮށް، ވިޔަފާރީގެ އާ ފުރުސަތުތައް ހޯދައިދިނުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ