ސަރުކާރު ކުންފުނިތަކުގެ އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލު އެއްހަމަކުރަނީ

ފޮޓޯ: ޕީއެސްއެމް
ފޮޓޯ: ޕީއެސްއެމް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށާއި މާލީ ނިޒާމަށް ގެންނަ އިސްލާހުތަކުގެ ދަށުން، އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލުތައް އެއްހަމަކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.

މި ބަދަލަކީ ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކޮށް، ސިޔާސަތުތައް އެއްގޮތް ކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.

ޕީސީބީން ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، ހަފުތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ވަގުތަށް އެކަނި އިތުރުގަޑީގެ ފައިސާ ލިބޭގޮތަށް އުސޫލުތައް ބަދަލުކުރަން ޖެހޭނެ ކަމަށެވެ. މިހާރުވެސް އިތުރުގަޑީގެ ފައިސާ ދިނުމުގައި ވަކި ހުދޫދެއް ނުވަތަ ކެޕެއް ކަނޑައަޅާފައިވާ ކުންފުނިތަކުން، އެ ކުންފުންޏަކަށް މާލީގޮތުން އެންމެ ފައިދާހުރި ގޮތަކަށް އަމަލުކުރުމަށް ޕީސީބީން ވަނީ އިރުޝާދު ދީފައެވެ.

މި ނިންމުމުގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަށާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ހަމަހަމައަށް ބެހިގެންދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، ބޭކާރު ގޮތުގައި އިތުރުގަޑީގެ މަސައްކަތަށް ބަރޯސާވުން ކުޑަކޮށް، ކުންފުނީގެ ވަސީލަތްތައް މުހިންމު އެހެން ހިދުމަތްތައް ރަނގަޅުކުރުމަށް ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އިތުރުގަޑީގެ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިންމުމަށް ޕީސީބީން ވަނީ މުހުލަތެއް ދީފައެވެ. އަދި މި އައު އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ އޯގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. ސަރުކާރު ކުންފުނިތަކަކީ ފައިދާވާ ތަންތަނަށް ހެދުމަށްޓަކައި، މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށްވެސް ޕީސީބީން މީގެ ކުރިން ވަނީ އަންގާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ