އަންނަ ފިނި މޫސުމުގައި ރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

ފަތުރުވެރިކަމާއި މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު އަމީން އާއި އިތިއޯޕިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް ޔޮއާނަސް އަބޭރާ ބެލެޓޭ. ފޮޓޯ: މިނިސްޓްރީ
ފަތުރުވެރިކަމާއި މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު އަމީން އާއި އިތިއޯޕިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް ޔޮއާނަސް އަބޭރާ ބެލެޓޭ. ފޮޓޯ: މިނިސްޓްރީ

ދިވެހިރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތް ގާއިމުކުރުމާ ބެހޭ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އަންނަ ފިނި މޫސުމުގައި ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީނެވެ. އިތިއޯޕިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް ޔޮއާނަސް އަބޭރާ ބެލެޓޭއެވެ. މި އެއްބަސްވުމަކީ ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އަމީން ވިދާޅުވި ގޮތުގައި އިތިއޯޕިއަން އެއާލައިނަކީ އެފްރިކާ ބައްރުގައި އޮތް އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން މިހާރުވެސް ދުނިޔޭގެ 165 އަށް ވުރެ ގިނަ މަންޒިލަށް ދަތުރުކުރާއިރު، މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، އާ މާކެޓުތަކަށް މަގުފަހިވެގެންދާނެއެވެ. އަދި ރާއްޖޭގެ ގައުމީ އެއާލައިން 'މޯލްޑިވިއަން' އަށް ވެސް އިތިއޯޕިއާއަށް ދަތުރުކުރުމުގެ ފުރުސަތު މި އެއްބަސްވުމުގެ ދަށުން ލިބިގެންދާނެއެވެ.

މި ދަތުރުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ އިތުރުން ވިޔަފާރީގެ ދާއިރާއަށް ވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. ހާއްސަކޮށް އެފްރިކާ ބައްރުން ތާޒާ މޭވާއާއި ތަރުކާރީގެ ބާވަތްތައް ރާއްޖެއަށް އިމްޕޯޓުކުރުމުގައި މި ސީދާ ދަތުރުތަކުގެ ސަބަބުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިތިއޯޕިއާއަކީ އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން އެކުލަވާލި ހަ ވަނަ ގައުމެވެ. މީގެ ކުރިން ރާއްޖެއާއެކު މިފަދަ އެއްބަސްވުންތައް ގާއިމުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި މިސްރު، މޮރިޝަސް، ރުވާންޑާ، ސީޝެލްސް އަދި ދެކުނު އެފްރިކާ ހިމެނެއެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ހަރުދަނާކޮށް، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ގުޅުންތައް ބަދަހިކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ބައެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ